ޚަބަރު

އެންމެފަހުން ޔާމީންގެ ތާއީދު މުޢިއްޒަށް، ކެނޑިޑަސީ ފޯމް ހުށައަޅުއްވައިފި


  • މުޢިއްޒުގެ ރަންނިންމޭޓަކީ ފަރެސްމާތޯޑާ ދާއިރާގެ މެންބަރު ޙުސައިން

  • މުޢިއްޒުގެ އަރިހުގައި ފޯމް ހުށައެޅުއްވުމަށް ލީޑަރޝިޕްގެ ބޭފުޅުންވެސް ވަޑައިގެންނެވި

  • މުޢިއްޒު ކެންޑިޑެސީ ފޯމް ހުށއެޅުއްވީ، އިންތިޚާބު ބޮއިކޮޓްކުރަން ޔާމީން އެދިވަޑައިގެންފައިވަނިކޮށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވާދަނުކުރުމަށް އެ ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން ނިންމެވި ނަމަވެސް އެނިންމުން ބަދަލުކޮށް، ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ކެންޑިޑަސީ ފޯމް އިލެކްޝަނަށް ހުށައަޅުއްވައިފިއެވެ.

މުއިއްޒުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްއެވެ. މުއިއްޒު ފޯމު ހުށައެޅުއްވަން، މުޢިއްޒުއާއެކު ޕާޓީގެ ލީޑަރޝިޕްވެސް ދަރުބާރުގެއަށް ވަޑައިގަނެއެވެ. އެގޮތުން މުއިއްޒު އަރިހުގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކެރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ދަރުބާރުގެއަށް ވަޑައިގަތެވެ.

ޕީޕީއެމް / ޕީއެންސީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑަސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ސުޕްރީމްކޯޓުން މައްސަލަ ނިންމެވުމުން ރައީސް ޔާމީން ޕާޓީއަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ވިދާޅުވެ އިންތިޚާބު ބޮއިކޮޓްކުރުމަށެވެ.

މި މެސެޖާއި އެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހަމަނުޖެހުންވަނީ ހިނގާފައެވެ. އަދި ޕީޕީއެމުން އެދިގެން އެ އޮފީހުގައި ފުލުހުން ވަންނަ ހިސާބަށް އިއްޔެ ވަނީ ކަންކަން ގޮސްފައެވެ. ސެނެޓްގެ ބައެއް މެމްބަރުން ބޮއިކޮޓް ކުރުމާއި ދެކޮޅު ހެދުމުން ސެނެޓްގައި އެންމެ ފަހުން ވަނީ ވޯޓެއް ނަގާފައެވެ. އެ ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.

އެހެންނަމަވެސް ރޭ އަނެއްކާވެސް ރައީސް ޔާމީންވަނީ އެމަނިކުފާނު އަނބިކަނބަލުންނަށް ގުޅުއްވާ ޕީޕީއެމް ޕީއެންސީ އިންތިޚާބު ބޮއިކޮޓްކުރުމަށް ކޯލިޝަންގެ ލީޑަރޝިޕަށް އެންގުމަށް އެދިވަޑައިގެންފައެވެ. މި މެސެޖާއި އެކު ރޭ އެ ކޯލިޝަންގެ ލީޑަރޝިޕްގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އެހެންނަމަވެސް ފަހުން ޔާމީން ވަނީ މުޢިއްޒު ރިޔާސީ އިންތީޚާބުގައި ވާދަކުރުމަށް ތާޢީދުކުރައްވާފައެވެ،

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމްކޯޓުން ނިންމަވާފައިވަނީ، ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެމަނިކުފާނު ހުށައެޅި މައްސަލާގައި އިއްޔެ އިއްވެވި ޙުކުމުގައެވެ. އެ މައްސަލަ ބެއްލެވި ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.