ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީޢަތް އަންނަ ބުރާސްފަތި ދުވަހަށް ހައި ކޯޓްގައި ތާވަލުކޮށްފިއެވެ.
ރައީސް ޔާމީން ތަންފިޒްކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ އިސްތިއުނާފް ހައިކޯޓުން ނިމެންދެން އެމަނިކުފާނުގެ ހުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމުގެ ޢަމުރަކަށް އެމަނިކުފާނުގެ ވަކީލުން ޓީމުން ވަނީ އެދިވަޑައިގެންފައެވެ.
ދަށުކޯޓުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއްވި ހުކުމުގައި ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރު ލޯންޑަރކުރި 52 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހުކުމް ކުރައްވާފައެވެ.
އިދިކޮޅުގެ ޕީޕީއެމް ޕީއެންސީން ވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައިވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުން ދިގުދަންމާފައި ވާތީކަމަށް ތުހުމަތުކޮށްފައެވެ. ރައީސް ޔާމީންގެ އިސްތިއުނާފްގެ ޝަރީޢަތް ލަސްވާކަމަށް ބުނެ، ޕީޕީއެމް ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އިސްތިއުނާފް ޝަރީޢަތް ބާއްވާނެކަމަށް ހައިކޯޓުން ޔަޤީންކަން ދެއްވާފައިވާކަމަށްވެސް ޕީޕީއެމް ޕީއެންސީން ވަނީ ބުނެފައެވެ.
ވ.އާރަށުގެ މައްސަލައިގެ އިސްތިއުނާފް ހައިކޯޓުގައި ކުރިއަށްދާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެެވެ.