ޚަބަރު

މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންނަކީ މިއީ!


  • ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާ

  • ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓުން

  • އަމިއްލަގޮތުން 3 ކެންޑިޑޭޓުން ވާދަކުރައްވާ

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަކީ، މިހާރުގެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އޭގެތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި، ސިޔާސީ މަސްރަޙަށް އައު ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންތިޚާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓުން

1- ޢުމަރު ނަޞީރު

ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފްކުރެވުނު ފަހުން ބޭއްވުނު ގިނަ ޕާޓީ ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދާ ވާދަކުރެއްވުމަށް 2008 އަހަރު ނިކުންނެވި ޢުމަރު ނަޞީރަކީ މިއަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ނުކުންނަވާ ކެނޑިޑޭޓެކެވެ.

އޭރުގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޑީ.އާރު.ޕީގައިވެސް އަދި ފަހުން ޕީ.ޕީ.އެމްގައިވެސް ޢުމަރު ނަޞީރު ވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން 2013ވަނަ އަހަރުގެ ޕީ.ޕީ.އެމް ރިޔާސީ ޕްރައިމަރީގައިވެސް ޢުމަރު ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޓިކެޓު ލިބިވަޑައިގެންފައެއްނުވެއެވެ.
އަދި 2013 ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކީވެސް ޢުމަރު ނަޞީރެވެ.

ޢުމަރު ނަސީރު މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނެވީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. ޢުމަރު ނަޞީރުގެ ރަނިންމޭޓަކީ މުޙައްމަދު ސަލީމް (މާޒް ސަލީމް)އެވެ.

2- އަލްއުސްތާޛް ޙަސަން ޒަމީލް

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާ އެއް ކެނޑިޑޭޓަކީ ޙަސަން ޒަމީލެވެ.

މި ހިނގަމުންދާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވާ ޒަމީލް، ހަތަރު އަހަރާއި ފަސްމަސް ދުވަހު އެ މަޤާމު އަދާކުރެއްވުމަށްފަހު މިދިޔަ މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފައެވެ. ހަސަން ޒަމީރުވަނީ ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަންވެސް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ކަނޑައަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީވެސް ޒަމީލްއެވެ. ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސަވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.

3- ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޓިކެޓުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެވެ.

އުމުރުފުޅުން 61 އަހަރުފުޅުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ސިޔާސީ ގޮތުން އެންމެ ތަޖުރިބާހުރި އެއް ކެނޑިޑޭޓެވެ. އެމަނިކުފާނަކީ ޤާނޫނު ހަދާ މަޖިލީސްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ ހިންގުމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ތަޖުރިބާލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ލިޔުންތެރިކަމުގެ ހުނަރު ލިބިވަޑައިގެންފައިވާ ރައީސް ޞާލިހުގެ ސިޔާސީ ހަޔާތްޕުޅުގައި ބޮޑެތި ޒިންމާތަކެއް ވަނީ އަދާކުރައްވާފައެވެ. އެގޮތުން ޕީ.ޖީ ލީޑަރުކަން ކުރައްވާފައިވެއެވެ.

4- ޑރ. މުޙައްމަދު މުއިއްޒު


މިއީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ރައީސް ޔާމީންގެ ސަރުކާރުގެ ހައުންސިންގ މިނިސްޓަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

މިހާރު އެމަނިކުފާނަކީ މާލޭ ސިޓީގެ މޭޔަރެވެ. ޑރ.މުއިއްޒު އަކީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރަފްވީއްސުރެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅެކެވެ. އެގޮތުން 2005ވަނަ އަހަރު އަދާލާތު ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. އޭގެ ފަހުން އެމްޑީއޭ އަދި ޕީޕީއެމްގައިވެސް މސިޔާސީ މަސައްކަތްކުރެއްވިއެވެ.

ޑރ.މުޢިއްޒު ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ އުފެދުނު ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޢިލްމީ ގޮތުން ބަލާއިރު ޑރ.މުޙައްމަދު މުއިއްޒުވަނީ ސިވިލް އިންޖިނިއަރިންގގެ ދާއިރޢިން ޔުނިވަރސިޓީ އޮފް ލީޑްސް އިން ޕީ.އެޗް.ޑީ ހާސިލުކުރައްވަފައެވެ.

5- ޤާސިމް އިބްރާހީމް

2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމަކީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެވެ.

ޤާސިމް އިބްރާހީމަކީ މިހާރު ޢަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަމާއި، ފިނޭންސް މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާގެ ގިނަ ތަޖުރިބާތަކެއްލިބިވަޑައިގެން ހުންނެވި ޤާސިމް އިބްރާހީމް ސިޔާސީ ހަޔާތް ފެއްޓެވީ 1980ގެ ފަހުކޮޅުގައެވެ. މިހާރުގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމް.ޑީ.ޕީ އުފެއްދެވުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި މީހުންގެ ތެރޭގައިވެސް ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވެއެވެ.

މިއަދު ޤާސިމް އިބްރާހިމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. އދ. މާމިގިއްޔަށް އުފަން ޤާސިމް އިބްރާހިމަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ.

6- އަޙްމަދު ފާރިސް މައުމޫން


މިއަހަރުގެ ރިޔާސީ ރޭހަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި އެއް ބޭފުޅަކީ ފާރިސް މައުމޫނެވެ.

ސިޔާސީ އާއިލާއަކަށް އުފަން ފާރިސް މައުމޫނަކީ ތިރީސް އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ފާރިސް މައުމޫންވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އެ ގޮނޑިއަށް ފާރިސް އިންތިޚާބު ވެވަޑައިގަތީ ޕީ.ޕީ.އެމް ގެ މެންބަރެއްގެ ގޮތުންނެވެ. ނަމަވެސް ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ފާރިސް ޖަލަށް ލެވުނެވެ. އަދި ގޮނޑި ގެއްލުނެވެ. އެއާއެކު ރައީސް ޔާމީނާ އިދިކޮޅަށް ނުކުންނެވިއެވެ. އެއަށްފަހު 19ވަނަ މަޖިލީހަށްވެސް ފާރިސް ވާދަކުރެއްވިއެވެ. އެހެންނަމަވެސް އިންތިޚާބުވެވަޑައެއް ނުގަންނަވައެވެ. މިހާރު އުވާލަން ނިންމާފައިވާ އެމް.އާރު.އެމްގެ ރައީސްއަކީވެސް ފާރިސް މައުމޫނެވެ.

7- އިލްޔާސް ލަބީބު

އައްޑޫސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް ލަބީބަކީ ސިޔާސީ މައިދާނުގައި ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުންނެވި އިލްޔާސް ލަބީބަކީ ޒުވާން ކެނޑިޑޭޓެކެވެ. ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ އިލްޔާސް ލަބީބް ތަޢުލީމު ހާސިލުރައްވާފައިވަނީ ރާއްޖެއިންނާއި އިނގިރޭސި ވިލާތުންނެވެ.

ސިޔާސީ ގޮތުން އިލްޔާސް ލަބީބުގެ ތަޖުރިބާ އެންމެ ބޮޑަށް ހޯއްދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުންނެވެ. 2018ވަނަ އަހަރުގެ އެމް.ޑީ.ޕީ ރިޔާސީ ކެމްޕޭނު ރޭވުމުގައި އިލްޔާސް ލަބީބް ވަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

8- މުޙައްމަދު ނާޒިމް

ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކުރެއްވުމަށްފަހު 2011ވަނަ އަހަރު ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ މުހައްމަދު ނާޒިމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެކެވެ.

މުހައްމަދު ނާޒިމް އިންތިޚާބަށް ނުކުންނެވީ އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައެވެ. މުހައްމަދު ނާޒިމްއަކީ ރައީސް ވަޙީދުގެ ވެރިކަމުގައާއި، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގެ ފުރަތަމަ އަހަރު ޑިފެންސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ނާޒިމް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ ތަމްސީލު ކުރައްވަމުންނެވެ.