ޚަބަރު

މުޢިއްޒުގެ ކެމްޕެއިން މިއަދު މާލޭގައި ފަށަނީ، އަތޮޅުތަކުގައި ހޮނިހިރު ދުވަހު


  • ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން ހުރިހާ އަތޮޅެއްގެ މަންދޫބުންނާ ވަނީ ބައްދަލުކުރައްވާފައި

  • ކެމްޕެއިން ހަރަކާތްތައް އަތޮޅުތަކުގައި ފަށާނީ ހޮނިހިރު ދުވަހު

  • މާލޭގައި މިއަދު ހަރަކާތްތައް ފަށާނެ

މާލޭގައި ދިރިއުޅޭ، ޕީޕީއެމް ޕީއެންސީގެ އިސް ފަރާތްތަކާއި އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ ޕީޕީއެމްގެ އޮފީހުގައެވެ. މުއިއްޒު ބައްދަލުކުރެއްވީ މާލޭގައި ދިރިއުޅޭ އަތޮޅުތަކަށް ނިސްބަތްވާ އެޕާޓީގެ އިސް މަންދޫބުންނާއެވެ. މިބައްދަލުވުމުގައި ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވައި މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި މުޢިއްޒުގެ އިތުރުން ރަނިން މޭޓް ޙުސައިން މުޙައްމަދު ލަތީފާއި ޕާޓީގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް އަތޮޅުތަކުގައި ފަށާނީ އަންނަ ހޮނިހިރު ދުވަހުކަމަށެވެ. އެގޮތުން ކެންޑިޑޭޓްގެ ކެޕްއިން ދަތުރުތަކުގެ އިތުރުން ޕާޓީގެ އިސް މަންދޫބުން ރަށްރަށަށް ގޮސް ކެމްޕެއިން ހަރަކާތް ކުރިއަށްގެންދާނެއެވެ.

މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް މާލޭގައި ފައްޓަވާނީ މިއަދުއެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ހިޔާ ސަރަޙައްދުގައި ދޮރުންދޮރަށް ހިނގުން މިއަދު ހަވީރު އޮންނާނެއެވެ. އަދި ކެމްޕެއިން ޖަގަހަ ހުޅުވުން މާލެ، ކާނިވާ ސަރަޙައްދުގައި މިރޭ އޮންނާނެއެވެ.