ކުޅިވަރު

ފީފާއިން ރާއްޖެ ސަސްޕެންޑް ކުރުމާއި މެދު މިއަދު ގޮތެއް ނިންމަނީ !


އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކުރި އެފްއޭއެމްގެ އަސާސީ ގަވާއިދު ފީފާގެ ރިފޯމް ސިސްޓަމާ ހިލާފު ވާތީ ފީފާގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑްކޮށްފާނެކަމުގެ އިންޒާރު ރާއްޖެއަށް ދީފިއެވެ. 

ފީފާއިން މި އިންޒާރު ދީފައިވާކަން އިއުލާންކޮށްދެއްވީ މިއަދު އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދެވެ. 

ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޝަވީދު ވިދާޅުވީ މިދިޔަ ހަފްތާގައި ފާސްކުރި އަސާސީ ގަވާއިދު ފީފާއާއި އޭއެފްސީން ގަބޫލުނުކުރާކަމަށާއި، ސަބަބަކީ އެ ގަވާއިދުގައި ފީފާގެ ރިފޯމް ސިސްޓަމާއި ޚިލާފު ގިނަ ކަންތައްތަކެއް ހިމެނޭތީކަމަށެވެ. ފީފާއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެފްއޭއެމްގެ އެކްސްކޯގައި މަދުވެގެން އެއް އަންހެން މެމްބަރަކު ހުންނަން ހުށަހަޅާފައިވާ އިސްލާހު ފާސްނުވުމާއި، އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓްލެވޭ ފަރާތްތަކަށް ބަދަލްގެނައުން ހިމެނޭއެވެ. 

ޝަވީދު ވިދާޅުވީ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރުމާއިމެދު ގޮތެއް ނިންމުމަށް މިއަދު ފީފާގެ އެސޯސިއޭޝަންތަކާއި ބެހޭ ކޮމިޓީން ގޮތެއް ނިންމާނެކަމަށާއި، މި ނިންމުން ފައިނަލްވާނީ ފީފާގެ އެކްސްކޯއިން މާދަމާ ފާސްކުރުމުންކަމަށެވެ.

"ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމާއިމެދު މިއަދު ގޮތެއް ނިންމޭނެ، އަދި އެނިންމުން މާދަމާ ފައިނަލްވާނެ. އެންމެ ފަހުން ފާސްކުރި އެފްއޭއެމްގެ އަސާސީ ގަވާއިދު ފީފާގެ ރިފޯމް ސިސްޓަމާ ހިލާފު ވާތީ މި ސަސްޕެންޝަން މި އަންނަނީ" ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ ފީފާގެ އެކްސްކޯގެ މެންބަރުންނަށް ގުޅައިގެން ރާއްޖެ ސަސްޕެންޑް ނުކޮށްވާނެގޮތެއްވޭތޭ މަސައްކަތްކުރައްވަމުން އަންނަކަމަށާއި، ފަހަރުގައި އިތުރު ފުރުސަތެއް ރާއްޖެއަށް ލިބިވެސްދާނެކަމަށެވެ.