އަތޮޅުތަކުގައި އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން އަންނަނީ ޢުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢެއް ހިންގަވަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ޚާއްސަ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ.
މިގޮތުން މި ދާއިރާއިން އެކަނިވެސް 100 އަށްވުރެ ގިނަ މަޝްރޫޢު މިވަގުތުވެސް އަންނަނީ ހިންގަވަމުންނެވެ. މީގެ ތެރޭގައި ތ. މަޑިފުށީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތްވެސް ހިމެނެއެވެ.
ތ. މަޑިފުށީ ސްކޫލަކީ އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މި ސްކޫލުގައި މިވަގުތު 226 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމުގައި 28 ޓީޗަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ސްކޫލަށް މިހާރު 43 އަހަރު ފުރިއްޖެއެވެ.
އެއް ދަންފަޅިއަށް ކިޔަވައިދެމުންދާ މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކްލާސްރޫމުތަކުގެ ދަތިކަން މިވަގުތަށް ނެތްނަމަވެސް، ދަރިވަރުންނަށް ބޭނުންވާ އިތުރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ ޖާގަ ނެތުމާއި، ހޯލެއްގެ ދަތިކަން މަޑިފުށީ ސްކޫލަށް ވަނީ ކުރިމަތިވެފައެވެ.
ސްކޫލު ޢިމާރާތްކުރެވިފައި ހުރިގޮތުން އެކި ތަންތާނގައި ވަކިވަކި ޢިމާރާތްތަކެއްގެ ގޮތުގައި ހުރުމުގެ ސަބަބުން ދަރިވަރުންނަށް އިތުރު ހަރަކާތްތައް ވަކިން ޚާއްސަކޮށް ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ސްކޫލުގެ ކޮމްޕައުންޑުގައި އެކަށީގެންވާ ޖާގައެއް ނެތެވެ. މިހެންވުމުގެ ސަބަބުން ކުޅިވަރު ހަރަކާތްތަކަށް ދަރިވަރުން ގެންދަންޖެހެނީ ސްކޫލާއި ޖެހިގެން އޮންނަ ރުއްގަނޑު ސަރަޙައްދަށެވެ. ހަމައެހެންމެ ހޯލެއްގެ ދަތިކަންވެސް ސްކޫލަށް ވަނީ ކުރިމަތިވެފައެވެ.
އަތޮޅުތަކުގެ ސްކޫލްތަކުގެ ޖާގައިތުރުކުރުމާއި އާބާތުރަފިލުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން ތ. މަޑިފުށީ ސްކޫލުގައި މަލްޓި-ޕަރޕަސް ހޯލު ޢިމާރާތެއް އެޅުމަށްޓަކާ ބަޔަކާ ޙަވާލުކުރެއްވީ 2022 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ހޯލު ޢިމާރާތައް ބޭނުންވާ ފައުންޑޭޝަންގެ މަސައްކަތްތަކެވެ. މިއީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް އެކަނިވެސް 9.1 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަޑިފުށީ ސްކޫލުގެ ލީޑިންގ ޓީޗަރ މުޙައްމަދު ޝިފާޒް ވިދާޅުވީ، މަޑިފުށީ ސްކޫލުގައި ހޯލެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ ޕާޓިޝަން ޖަހައިގެން ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ ޢިމާރާތެއްގައިކަމުން، އެކިއެކި ހަފްލާތަކާއި ހަރަކާތްތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ.
އެހެންކަމުން މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި އެތަން ބޭނުންކުރަން ލިބުމަކީ ސްކޫލުން ކުރާ ވަރަށް ބޮޑު އުއްމީދެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.
"ވަރަށް ދަތިވޭ. މިހާރުވެސް އެއް ކްލާހުން އަނެއް ކްލާހަށް އަޑުދިއުމާއި، އެއް ކްލާހުގައި ތިބޭ ކުދިންނަށް އަނެއް ކްލާސް ފެންނަގޮތަށް ހުރުމާއި މިކަހަލަ ވަރަށް ބޮޑެތި ދަތިތައް އެބަހުރި. އެހެންވީމަ މަލްޓި ޕަރޕަސް ހޯލު ވީހާވެސް އަވަހަށް ނިމިގެން ދިއުމަކީ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް، އުއްމީދެއް. އެއީ އަޅުގަނޑުމެންގެ މި އުނދަގޫތަކަށް ހައްލު ލިބުމަށް ލިބޭނެ ފަސޭހައަކަށްވެގެންދާނެ އެތަން އަވަހަށް ނިމުނީމަ" ޝިފާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓުގެ މައްސަލައާއި، ބޭނުންވާ ބައެއް މަޤާމުތަކަށް މީހުން ހޯދުމުގައި ދަތިތަކެއް ހުރިކަން މަޑިފުށީ ސްކޫލުން ފާހަގަކުރައްވައެވެ. އެ ސްކޫލުގެ އުއްމީދަކީ މިކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ކައިރި މުސްތަޤުބަލެއްގައި ލިބިގެންދިއުމެވެ.