ރާއްޖޭގެ އެންމެ އުތުރު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއިން ޤަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯއިން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދުއެވެ. އަދި ޔޫސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ސަބްރީއެވެ.
އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް މަޝްރޫއު ހިންގަނީ ސަރުކާރުން އިހަވަންދިއްޕޮޅުގައި ރާވާފައިވާ ޕޯޓް ސިޓީ ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. މި ޕޯޓް ސިޓީގައި ތެލުގެ ޤައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި، އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހެދުމާއި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ކުރާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢިލް ވިދާޅުވީ ބަންކަރިންގެ ޚިދުމަތާއި، ބަައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދުގެ ޚިދުމަތް ރާއްޖޭގައި ފަށައި، އެކަމުގެ ފައިދާ ހޯދުމަށް ވަރަށް ބޮޑަށް ލަސްވެއްޖެކަމަށެވެ. އެހެންނަމަވެސް އަދިވެސް ރާއްޖެއަށް ބަންކަރިންގެ ޚިދުމަތް ފަށައިފިނަމަ ގިނަ ފައިދާތަކެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިޤްތިޞާދަށް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އުތުރަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުން. ޚާއްސަކޮށް ޓްރޭޑީންއާ ގުޅުން ހުރި ކަންތައްތައް އިހަވަންދިންޕޮޅުގައި ކުރުމާއި، މެނުފެކްޗަރިންނާއި އަދި އެއާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް މުޅިން އަލަށް ތައާރަފްކުރުން." އިކޮނަމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައިބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުއާއެކު ރާއްޖޭގެ އިޤްތިސާދު އިތުރަށް ކުރިއަރާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
"މިއާއެކު އިތުރުގެ ރަށްތައް ޚާއްސަގޮތެއްގައި ރާއްޖެގެ އިޤްތިޞާދު ކުރިއަރާ ދާނެ، އިތުރު ވަޒީފާތަކެއް އުފެއްދިގެން ދާނެ. ޕޯޓްގެ ޚިދުމަތާއެކު އެކި ދާއިރާތަކަށް ކުރިއެރުންތަކައި އެކި ފުރުޞަތުތައް ލިބިގެންދާނެ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.
ގުދުރަތީ ގޮތުން ވަކި އަތޮޅެއް ކަމަށްވާ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އެސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގުބޯޓު ހުރަސް ކުރެއެވެ.
އެސްޓީއޯ އިން ބުނީ އެސަރަހައްދުގައި ބަންކަންރިންގެ ޚިދުމަތް ފަށައި އޭގެ ނަފާ މުޅި ޤައުމަށާއި އެ ކުންފުންޏަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއަ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ބަންކަރިންގެ ހިދުމަތް ފެށުމަށް އިދާރީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޤަވާއިދުތަކުގެ ޑްރާފްޓްތައް ހަދައި ނިމިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ. މިޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން މިހާރު ވަނީ ހޯދާފައެވެ.
ބަންކަރިން ޕްރޮޖެކްޓު ހަވާލުކުރި ގަތަރުގެ އާބަކޮންއަކީ ޢިމާރާތްކުރުމުގެ ދާއިރާގައި މެދުއިރުމަތީގެ އެންމެ ފުއްނާބު އުސް އެއް ކުންފުންޏެވެ.