ޚަބަރު

ވިލިނގިއްޔަށް ބިން އިތުރުކޮށްދީ އިތުރު 100 ހައުސިން ޔުނިޓް އަޅާނަން: ރައީސް


  • ވިލިނގިލިން ބިން ހިއްކާ އިތުރު 100 ހައުސިން ޔުނިޓް އަޅާދޭނަން

  • ކައިރީގައި ދަތުރުދާނެ ރަށެއް ތަރައްޤީ ކުރާނަން

ގއ.ވިލިނގިލިން އަނެއްކާވެސް ބިން ހިއްކާއިތުރު 100 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" މި ޝިއާރުގެ ދަށުން ވިލިނގިލި އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ކުރިއަށް އޮތް 5 އަހަރު އެރަށަށް ކޮށްދެއްވާނެ ކަންކަން އިޢުލާން ކުރައްވާފައެވެ. އެގޮތުން ވިލިނގިލިން އަނެއްކާވެސް ބިން ހިއްކާ އެ ބިމުގައި އިޤްތިޞާދީ އެހެން މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތް ހައްދަވާދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިލިނގިލި ކައިރީގައި އޮތް ޑޮރަގައްލާ ފަރު ދަތުރުދާ ރަށެއްގެ ގޮތުގައި ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވަނީ ގއ. ކޫއްޑޫއާއި ވިލިނގިއްޔާ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދާނެތޯ ބެލުމަށް ރައްޔިތުންނާ އެކުގައި ވަރަށް އަވަހަށް މަޝްވަރާ ކުރައްވައި އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށް ވުރެ ރަނގަޅަށް ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ މަޝްރޫއުތައް ނުވަތަ ޕްރޮޕޯސަލް އެބަހުރި ކަމަށާއި އެކަމުގައި ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގައި އެކަމަށް ދާނީތޯ ނުވަތަ ޕްރޮޕޯސަލްތަކާއިގެން ކުރިއަށް ދާނީތޯ މިއީ ވިސްނާލާފައި ގޮތެއް ނިންމަން ޖެހޭ ކަމެއް. އެހެންމެ ކުރު މުއްދަތުގެ ތެރޭގައި އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި އަޅުގަނޑު ގޮތެއް ނިންމާނަން."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ވިލިނގިއްޔަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސަރަޙައްދުން ބާނާ މަސް އެކީގައި ގަނެވޭނެ ގޮތާއި ފަސޭހައިން އައިސްލިބި ރައްކާކުރާނެ ގޮތާއި ވަގުތުން ފައިސާ ލިބޭނެ ގޮތް އަދިވެސް ހަދަންޖެހޭކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މެދު ތެރެއަށް އަންނައިރު ކެޕޭސިޓީ އިތުރުވެ މަސް ގަނެވޭނެ ގޮތް މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އިނގިރޭސި ވިލާތާއެކު ނިމުމުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާ %24 އުނިވެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭނެ." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި މަސް ޕްރޮސެސްކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގއ،ގދ،ޏ، ސ އަތޮޅުގެ މަސްވެރިކަން ކުރާ ރަށްރަށަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 54 މިލިޔަން ޑޮލަރުގެ އެހީއެއް ވޯލްޑް ބޭންކުން ލިބިފައިވާކަން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ފާހަގަކުރެއްވިއެވެ. އަދި އެހީ ރައްޔިތުންނަށް ފޯރުކޮށްދީ މަދުވެގެން 2 ކޭނިން ފެކްޓްރީ އެޅުމުގެ ޕްލޭން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.