ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ބާރަށުގައި ޚާއްސަ ޝޯއެއް ބާއްވައިފިއެވެ. ރަށު ރައްޔިތުންގެ ފަރާތުން މި ޝޯއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާރަށުގައި ބޭއްވި ޚާއްސަ ޝޯ ކުރިއަށްގެންގޮސްފައިވަނީ ރަށުގެ ދެކުނު އަވަށު ޒުވާނުންގެ ދިރުން ޖަމްޢިއްޔާއަށް ދީފައިވާ ބިމުގައެވެ.
ބާރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޝޯގެ މައިގަނޑު ބޭނުމަކީ ޤައުމީ ޖޯޝާއި ފޯރި އިތުރުކޮށް، ދިވެހިންގެ ސަޤާފީ ކުޅިވަރުތަކާއި ހުށަހެޅުންތައް ދިރުވާ އާލާކުރުންކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ޝޯގައި ވަނީ ބާރަށު ކަނބަލުންގެ ޚާއްސަ ސަޤާފީ ހުށަހެޅުންތަކެއް ގެނެސްދީފައެވެ. އަދި ސަޤާފީ އައިޓަމްތައް ހުށަހަޅައިދިނުމުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ހިޔަލަ" ގްރޫޕުގެ ހިތްގައިމު ހުށަހެޅުންތަކެއް މިރޭ ވަނީ ގެނެސްދީފައެވެ.
ހަމައެހެންމެ ސޯޝަލް މީޑިއާގެ ތެރެއިން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ބާރަށު ޝިޔާމް" ގެ ޚާއްސަ ހުށަހެޅުންތަކެއްވެސް ރެޔާއި މިރޭ ފެނިގެންގޮސްފައިވެއެވެ.
ރެޔާއި މިރޭގެ ޝޯ ބަލާލުމަށްވެސް ބާރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވިއިރު، ޝޯ ބަލާލުމަށް ކައިރި ބައެއް ރަށްރަށުންވެސް މީހުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ބާރަށުގައިވެސް މިއަހަރު ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ބާރަށުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ރާއްޖޭގެ އުތުރުން ބާރަށަކީވެސް ޤައުމީ ދުވަހުގެ ބަޠަލު ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާ ގުޅުންހުރި މުހިންމު އާސާރުތަކަކާއި ތަރިކަތަކެއް އަދި ހަނދާންތަކެއް ހިމެނޭ ގުދުރަރީގޮތުންނާއި ސަގާފީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.