ޚަބަރު

ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަމަށް ފުރުޞަތުދޭނަން: ނާޒިމް


  • އަހަރަކު 4 މަސް ދުވަހު، ވަކި ސަރަހައްދެއް ކަނޑައަޅާ ލޭން އަދި މިޔަރު މަސްވެރިކަން ޤާއިމް ކުރާނަން

  • ލޭން އަދި މިޔަރު މަސްވެރިކަމަކީ ރާއްޖޭގައި، އަދި މިހާތަނަށް ކުރުން މަނާ ކަމެއް

  • މި ދަތުރުފުޅުގެ ތެރެއިން ނާޒިމް ވަނީ 2 އަތޮޅެއްގެ 11 ރަށަކަށް ޒިޔާރަތް ކުރައްވާފަ

  • މި ދަތުރުތަކުގެ ތެރެއިން ނާޒިމް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ޚިޔާލާއި މަޝްވަރާ ހޯއްދަވާފަ

ރާއްޖޭގައި ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަމަށް ވަކި ސަރަހައްދެއް ކަނޑައަޅައި، އެފަދަ މަސްވެރިކަމުން ދިވެހިންނަށް ނަފާ ލިބޭ ގޮތް ހައްދަވާދެއްވާނެކަމަށް، އެމްއެންޕީގެ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ބ، ރ، އަދި ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަމަކީ، މިހާތަނަށް ޒިޔާރަތްކުރެވުނު، ރަށްތަކުގެ މަސްވެރިން ވަރަށް ބޭނުންވި ކަމެއްކަމަށެވެ. ހަމައެއައިއެކު، މެނިފެސްޓޯގައި މިހާރުވެސް ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަން، ރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ހިމަނާފައިވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރަށް ނާޒިމް ވިދާޅުވީ، މިޔަރުގެ މަސްވެރިކަން ކުރުމަށް ވަކި ދުވަސްވަރެއް ކަނޑައަޅައި، އެކަމަށް ޚާއްސަކޮށްގެން ވަކި ސަރަހައްދެއްގައި ލޭނު އަދި މިޔަރު މަސްވެރިކަމަށް ތަޢާރަފްކުރައްވާނެކަމަށެވެ.

"މަސްވެރިންގެ އެދުންތައް ވެސް އެބަ ހުރި. ހަމައޭގެތެރޭގައި އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮތްކަމެއް، އަދި އެ މީހުން (ޒިޔާރަތް ކުރި ރަށްތަކުގެ މަސްވެރިން) ވަރަށް ބޭނުންވެފައި އޮތް ކަމެއް ލޭނު މަސްވެރިކަމާއި، މިޔަރު މަސްވެރިކަން ތަޢާރަފްކުރުން. ދަންނަވަންތޯ އަޅުގަނޑު އެކަން ކުރާނަން. ރައްޔިތުންނަށް ހަމައެކަނި ޙައްޤު މިންވަރަކީ ދޮށި ހިފާއިގެންގޮސް ހަމައެކަނި މަސް ބާނާލަ ބާނަލަ ތިބުމެއްނޫން. އަހަރަކު އަޅުގަނޑު 4 މަސް ދުވަސް ކަނޑައަޅާނަން، މިޔަރު މަސްވެރިކަން ކުރެވޭނެ އަދި ލޭނު މަސްވެރިކަން ކުރެވޭނެ." ނާޒިމް ވިދާޅުވިއެވެ.

ލޭނު މަސްވެރިކަމާއި، މިޔަރުގެ މަސްވެރިކަމަކީ ރާއްޖޭގައި މީގެކުރިން ކޮށްއުޅުނު މަސްވެރިކަމެއް ނަމަވެސް، މިހާރު އެފަދަ މަސްވެރިކަމެއް ކުރުމަކީ ޤާނޫނުން ރާއްޖޭގައި މަނާކޮށްފައިވާކަމެވެ.

ނާޒިމްގެ ކެމްޕެއިން ދަތުރުތައް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާއިރު، ފާއިތުވި 4 ދުވަހު، 2 އަތޮޅެއްގެ 11 ރަށަކަށް ނާޒިމް ވަނީ ވަޑައިގެންފައެވެ. އެންމެފަހުން ނާޒިމް ވަޑައިގެންނެވީ، ރ. ދުވާފަރަށެވެ. އަތޮޅު ތެރެއަށް ނާޒިމް ކުރައްވާ މި ދަތުރުތަކުގެ ތެރެއިން، އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ނާޒިމް ވަނީ، އެ ރަށްތަކުގެ ރައްޔިތުންގެ ޚިޔާލައި މަޝްވަރާ ހޯއްދަވާފައެވެ. އަދި ބައެއް ރަށްރަށުގެ، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވާ، އެ ރަށްރަށަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ނާޒިމް ވަނީ މަޝްވަރާ ކުރައްވާފައެވެ.