ޚަބަރު

ވޯޓުފޮށީގެ ޢަދަދަށް ބަދަލެއް، މިހާރު 580 ވޯޓު ފޮށި


  • ކުރިން ބެހެއްޓުމަށް ހަމަޖެހިފައިވަނީ 609 ވޯޓު ފޮށި

  • މިހާރު ބަހައްތަން ނިންމާފައިވަނީ 580 ވޯޓު ފޮށި

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް 580 ވޯޓު ފޮއްޓެއް ބެހެއްޓުމަށް މިހާރު ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ކުރިން 609 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ނިންމާފައި ވީނަމަވެސް، އެ އަދަދު މިހާރު 580 ވޯޓު ފޮއްޓަށް މަދުކުރެވިފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދު ޔަޤީން ވާނީ ވޯޓުލުމަށް ރަޖިސްޓްރީވީ މީހުން މަދުވުން، ވޯޓު ފޮށި ނުބަހައްޓަން ނިންމެވި ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީވުންކަމަށެވެ. އެހެންކަމުން ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިން ކަނޑައެޅި 609 ވޯޓު ފޮށި، ގާތްގަނޑަކަށް އެ އަދަދު އެބަ ބަދަލުވޭ ގާތްގަނޑަކަށް 580 ވަރަކަށް ވޯޓު ފޮއްޓަށް. އެކަމަކު މިހާރު އެ އަދަދު އަޅުގަނޑުމެންނަށް ފައިނަލް ކުރެވޭނީ، އަޅުގަނޑުމެންނަށް ދެވަނަ ފުރުޞަތެއް މިދެވޭ ފަރާތްތަކުން އެކި ތަންތަނަށް ރަޖިސްޓްރީވީމަ. ރަޖިސްޓްރީވުމަށް ފަހުގައި، ދެން އެތަންތަނުގައި ވޯޓު ފޮށި ބަހައްޓާ މިންވަރަށް، މިސާލަކަށް، 850 މީހުން އެންމެ ގިނަވެގެން ވޯޓު ފޮއްޓެއް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާ ސީލިންނަކީ. 900 އަށް އެ ޢަދަދު އަރައިފިއްޔާ ދެ ފޮއްޓަން ބަދަލު ކުރަން އަޅުގަނޑުމެންނަށް ޖެހޭނެ. އެހެންވީމަ، އެގޮތަށް އަންނަ ބަދަލުތަކެއް އަތުވެދާނެ މީގަ އިނގޭތޯ." ޙަބީބް ވިދާޅުވިއެވެ.


އިންތިޚާބަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 57 ހާހަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ. އޭގެތެރެއިން 6536 ފޯމެއް ބަލައި ނުގަތުމަށް ނިންމެވިކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 282،395 ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 30 ގައެވެ.