ޚަބަރު

ޢުމަރުގެ މެނިފެސްޓޯ: ޑްރަގަށް ފަރުވާދިނުމަށް ޚާއްޞަ ރަށެއް ކަނޑައަޅާނެ


  • ރިހެބިލިޓޭޝަން ގާއިމްކުރަނީ ވަކިން ރަށެއްގައި

  • މިތަނުގައި ދީނީ ލޯތްބާއި އަދި ޤައުމީ ލޯބި އާލާކުރުމަށް މަސައްކަތް ކުރާނެކަމަށް ހިމަނާފައިވޭ

ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމަށްޓަކައި ކުރައްވާނެ މަސައްކަތުގެ ދަށުން، ރިހިބިލިޓޭޝަންގެ ފަރުވާދިނުމަށް ޚާއްޞަ ރަށެއް ކަނޑައެޅުއްވުމަށް، ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރުގެ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ މެނިފެސްޓޯގައި އެންމެ މުހިންމު އިސްކަމެއް ދީފައިވާ ކަމަކީ ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމެވެ. މިކަމަށް އެހާބޮޑު އިސްކަމެއް ދީފައިވަނީ މިއީ އާއިލާތަކާއި އަދި މުޅި މުޖްތަމައުއާއި ގުޅިފައިވާ މުހިންމު ކަމަކަށްވާތީކަމަށް ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެސިޔާސަތުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްޞަ ޕްރޮގްރާމް "މެނިފެސްޓޯ"ގައި ވާހަކަދައްކަވަމުން އުމަރު ނަސީރުގެ ކެންޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ލެފްޓިނަންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަޙްމަދު މަނިކު ވިދާޅުވީ، އުމަރު ނަސީރުގެ ވެރިކަމެއްގައި ޑްރަގްގެ ވިޔަފާރިކުރާ މީހެއް އެކަންކުރާކަން އެނގޭތާ 24 ގަޑިއިރުގެ ތެރޭގައި ރިހެބިލިޓޭޝަން ސެންޓަރަށް ގެންދެވޭނެކަމަށެވެ. އަދި އެ ސެންޓަރަށް ގެންދިއުމަށްފަހުގައި އޭނާ އެކަމުން ދުރުކުރުމަށް ތަމްރީންކުރަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޒުބައިރު އަޙްމަދު މަނިކު ވިދާޅުވީ، އެ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރާނީ ވަކިން ރަށެއްގައިކަމަށާއި 24 ގަޑިއިރު ޓްރެއިނިންދީ ގައުމީ ލޯތްބާއި ދީނީ ލޯބި އުފެއްދުމަށް މަސައްކަތް ކުރާނެކަމަށެވެ.

“އަޅުގަނޑުމެން ގަސްތުކުރަނީ ރިހެބަށްވެސް ހަމަ ވަކިން ރަށެއް 1 ރަށް ވިއަސް އަދި 2 ރަށް ވިއަސް ގާއިމްކޮށްގެން އެތަނުގައި 24 ގަޑިއިރު ގޮތައް ޓްރެއިނިން ނެގޭގޮތައް ހެދުން.” ލެފްޓިނަންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަޙްމަދު މަނިކު ވިދާޅުވިއެވެ.

ރާއްޖެއަށް ޑްރަގް ސަޕްލައި ކުރާކުރުން މޮނިޓަރ ކުރެވޭނެ ނިޒާމަކާއި އަދި ގާނޫނު ތަންފީޒްކުރާ އިދާރާތައް ވަރުގަދަކުރުމަށްވެސް އުމަރުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި 8 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އެ ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި ވިސްނުންތައް ހާމަކުރެއްވުމަށް ޕީއެސްއެމްގެ ޗެނަލްތަކުން ވަނީ ޚާއްޞަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ނިންމާފައެވެ. އެގޮތުން މިއަދު ފެށި މެނިފެސްޓޯ ޕްރޮގްރާމަކީ ހުރިހާ ކެނޑިޑޭޓުންގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަފްސީލްކޮށް ގެނެސްދިނުމަށް ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައެއް ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެނިފެސްޓޯ ޕްރޮގްރާމްތަކަށްފަހު "ރިޔާސީ ކެންޑިޑޭޓަކާއެކު" ހުރިހާ ކެންޑިޑޭޓުންނަށް ޚައްޞަ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޢާންމުންނަށް ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި ގުޅޭގޮތުން ސުވާލުކުރެވޭ ގޮތަށެވެ. އޭގެ ފަހުން މިމަހުގެ 21ގައި "ރިޔާސީ ސިޔާސަތު"ގެ ނަމުގައި ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފައެވެ.