ޚަބަރު

ޔާމީންގެ ޖަލު ޙުކުމް ފަސްކޮށެއް ނުދިން، ފަސްކޮށްދިނީ ޖޫރިމަނާ ދެއްކުން


  • 11 އަހަރުގެ ޖަލު ހުކުމް ފަސް ނުކޮށްދެއްވުމަށް ކޯޓުން ވަނީ ނިންމަވާފައި

  • ނަމަވެސް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދެއްވި

  • މިހާރު ތަންފީޒްކުރައްވަމުން ގެންދަވާ ޙުކުމާއި ގުޅިގެން ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައި

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ޖަލު ހުކުމް ފަސްކުރެވެން ނެތްކަމަށް ހައި ކޯޓުން ޢަމުރުކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ޢަމުރުކޮށްފައިވަނީ، ރައީސް ޔާމީން ތަންފީޒްކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ޙުކުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލައިގެ އިސްތިއުނާފް ނިމެންދެން، އެހުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމުގެ ޢަމުރަކަށް އެދިވަޑައިގަތުމުންނެވެ.

މިކަމާއި ގުޅިގެން ހައިކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އަދަބު ތަންފީޒު ކުރުމުގެ އެއްވެސްކަމެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގަވާކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު އަދަބު ފަސްކުރަން އަމުރު ކުރެވެން ނެތްކަމަށްވެސް ހައިކޯޓުގެ ޢަމުރުގައިވެއެވެ. މިގޮތަށް އެކޯޓުން ނިންމެވީ ތިން ފަނޑިޔާރުންނެވެ.

ހައިކޯޓުން އެގޮތަށް އެގޮތަށް ނިންމެވި ނިންމުމުގައިވަނީ ޖިނާޢީ މައްސަލަތަކުގައި ކުރާ ޙުކުމްތައް ފަސް ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީ ކޯޓުން މީގެކުރިން ނިންމަވާފައިވާކަމަށެވެ. އެހެންކަމުން އެފަދަ ޤާނޫނީ ހަމައެއް ނެތި އެފަދަ ޢަމުރެއް ނެރުއްވައިފިނަމަ އޭގެ ނަތީޖާއަކަށްވާނީ އިޖްރާޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފުންކަމަށްވެސް ހައިކޯޓުގެ ނިންމެވުމުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، ރައީސް ޔާމީނަށް ވަނީ އެ ފުރުޞަތު ގެއްލިފައެވެ.