ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަަށަށް ހުށައެޅުނު އަގަށް ވުރެ ކުޑަ އަގެއްގައިކަމަށް އެ މައްސަލާގައި ހެކިބަސް ދިން ހެކިވެރިޔަކު ބުނެފިއެވެ.
ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިން ކުށުގައެވެ. މި މައްސަލާގައި ސަން ކޮންސްޓަރަކްޝަނާއި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރި އެވެ. އެހެންނަމަވެސް ފަހުން ވަނީ އޭނާގެ ބައި އަނބުރާ ނަގާފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދީފައިވަނީ އެމްއެމްޕީއާރުސީގައި މަސައްކަތް ކުރި މުވައްޒަފަކެވެ. މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުރެގެން ހެކިބަސް ދެމުން އެނާ ބުނީ ރ. ފުއްގިރި ކުޔަށް ދިން ދުވަސްވަރަކީ އެ ސަރަހައްދުގެ ރަށްތަކުގައި ވަރަށް ބޮޑަށް ޑިމާންޑް އޮތް ދުވަސްވަރެއްކަމަށެވެ.
ފުއްގިރި ކުއްޔަށް ދޫކުރީ ކުރިން އެރަށަށް ކަނޑައެޅުނު އަގަށް ނޫންކަމަށާއި އަގަށް ބަދަލު ގެނެސްފައިވަނީ ސޮއިކުރުމާއި ހަމައަށް ދިޔައިރުކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެއީ ކިހާ މިންވަރެއްކަން މިވަގުތު ހަނދާން ނެތްކަމަށް އެނާ ވަނީ ބުނެފައެވެ.
ފުއްގިރި ކުއްޔަށް ދިނުމަށް ކުރިން ނިންމި އަގަވުރެ އަގު ކުޑަކުރިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޒިޔަތު އޭރު ވިދާޅުވީ އަގު ކުޑަކުރީ ރައީސް ޔާމީން އެންގެވުމަކަށް އޭރު ނާއިބް ރައީސް އަދީބު ވިދާޅުވިކަމަށެވެ.
ފުއްގިރީގެ މައްސަލަ ދަށު ކޯޓްގައި ހިނގަމުންދާއިރު ވ. އާރަށް ކުޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި އެ މައްސަލާގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ އެއްގެ ގޮތުގައި ދެއްކުމަށްވެސް ދަށުކޯޓުގެ ހުކުމްގައިވެއެވެ.
މި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފު ނިމެންދެން އަދަބު ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމަށް ވަނީ އެދިވަޑައިގަތެވެ. އެހެންނަމަވެސް ހައިކޯޓުން ނިންމެވީ ހަމައެކަނި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށެވެ.