ޚަބަރު

ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަން ކުރިއެރުވުމަށް ނ. އަތޮޅުގައި ހާއްސަ މަޝްރޫޢުތަކެއް


  • ނ.އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރު ރަށްތަކެއް ވަނީ ހަވާލުކޮށްފައި

  • ސީދާ ޔޫރަޕުން މާފަރު އެއަރޕޯޓަށް ފްލައިޓް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

  • ނ.އަތޮޅަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށްވެސް ދަނީ މަޝްވަރާކުރަމުން

ވައިގެ ދަތުރުފަތުގެ ނިޒާމް ހަރުދަނާ ކުރުމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށް ނ. އަތޮޅަށް ޕްލޭންތަކެއް ސަރުކާރުން އެކުލަވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. މާފަރަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ތަރައްޤީކޮށްފައިވާ މާފަރު އެއާޕޯޓް ތަރައްޤީކުރުމާއި ގުޅުން ހުރި މަސައްކަތްތައް ސަރުކާރުން ކުރިއަށް އެބަގެންދަވާކަމަށެވެ. އެގޮތުން އެއަރޕޯޓު ބޮޑުކޮށް އެ ސަރަހައްދުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއާ ގުޅޭ އިތުރު މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މާފަރު އެއަރޕޯޓަށް ސީދާ ޔޫރަޕުން ފްލައިޓު ގެނައުންވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ބައެއް ރަށްތައް ޔޫއޭއީގެ ކުންފުންޏަކާއި މިހާރު ހަވާލުކޮށްފައިވާކަމަށާއި، އަދި ލަސްތަކެއް ނުވެ އެ މަސައްކަތް ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއާލައިނެއްގެ ވާހަކަވެސް ޔޫއޭއީގެ ފަރާތްތަކާއެކު ވަނީ ދެކެވިފައި. ޔޫއޭއީގެ އަބޫދާބީގެ ރޯޔަލް ފެމިލީއާ ގުޅިފައި އޮތް މަސައްކަތެއް އެއީ. ފުރިހަމަ ޔަގީންކަން އެބައޮތް އެކަން އެ ބޭފުޅުން ކުރައްވާނެކަން. ކަންވެ ނިމިގެންދާއިރު މި ތަން ވެގެންދާނެ، އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެ ބޭފުޅުންގެ ހަބެއްގެ ގޮތަށް."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ހިދުމަތް ނ.މާފަރުން އަތޮޅުގެ އެހެން ރަށްރަށަށް ފަށަންވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ނ.އަތޮޅުގެ ތަރައްޤީއަށް ގުޅިފައިވާ އެއަރޕޯޓެކެވެ. އެއަޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދަތުރުފަތުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ހިންގާ އާރްޓީއެލްގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ނ.އަތޮޅަށް ފަށްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާފަރު އެއަރޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް 2200 މީޓަރުގެ ރަންވޭއަށް 650 މީޓަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާ ބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރަށް ވަޑައިގެން ވަނީ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. އަދި ދެވަނަ ދައުރެއްގައި އެރަށުން މިހާރު ހިއްކުމަށް ހަމަޖެހިފައިވާ 20 ހެކްޓަރުގެ އިތުރަށް 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމާއި ސްކޫލްއަށް ބޭނުންވާ ސައިންސް ލެބްގެ އިތުރަށް ރަށަށް ބޭނުންވާ އެހެނިހެން ކަންތައްތައް ހިމެނެއެވެ.