ޚަބަރު

އާބާދީ ކުޑަ ރަށްރަށުގެ މީހުންނަށް ބޭނުން ސިޓީއަކަށް ދިރިއުޅުން ބަދަލުކުރެވޭނެ - ޢުމަރު


  • ގިރާވަރު ފަޅާއި އުތުރު ތިލަފަޅު ހިއްކައި ބްރިޖަކުން ގުޅާލާނަން.

  • މިއީ ކުރިއަށްއޮތް 10 އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް.

  • މަސްތުވާތަކެތި ގެންނަ ބޯޓުފަހަރު ބަޑިޖަހައި ފައްތާލާނަން.

ގިރާވަރު ފަޅާއި އުތުރު ތިލަފަޅު ހިއްކުމަށްފަހު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. ޢުމަރު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ފެށި "ރިޔާސީ ކެނޑިޑޭޓްއާއިއެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އާންމުންނަށް ކެންޑިޑޭޓާއި ސުވާލުކުރެވޭގޮތައް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އާންމު ރައްޔިތަކު ވަނީ ގިރާވަރު ފަޅު ހިއްކާ ބްރިޖަކުން ގުޅާލުން އުމަރުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ކޮށްދޭނަންތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން ޢުމަރު ވިދާޅުވީ، ގިރާވަރު ފަޅުގެ އިތުރުން އުތުރު ތިލަފަޅުވެސް ހިއްކައި ބްރިޖަކުން ގުޅާލާނެކަމަށެވެ. އެއިރުން މި ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގައި އެންމެ އާބާދީ ކުޑަ 50 ރަށުގެ ރައްޔިތުން ސިޓީތަކަށް ބަދަލުވުމުގެ ފުރުސަތު ދެއްވާނެކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

"ހަމައެކަނި ގިރާވަޅު ފަޅެއްނޫން އިނގޭތޯ. އުތުރު ތިލަފަޅުވެސް އަޅުގަނޑު ގަސްދުކުރަނީ ހިއްކަން. ހިއްކާފައި ހަމަ ބްރިޖަކުން ގުޅާލަން. އެއިރުން އުތުރު ތިލަފަޅާއި ގިރާވަރު ފަޅާއި 2 ތަން އެއްކޮށް ހިއްކާލީމަ މި ސަރަހައްދުގައި ގޯތިގެދޮރުގެ މައްސަލަ ގާތްގަނޑަކަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރަށް ހައްލު ވެގެންދާނެ. އަދި ރާއްޖޭގެ ކުދި އާބާދީތައް އެންމެ ކުދި 50 ރަށަށް އަޅުގަނޑު ފުރުސަތު ދޭނަން ކެޕިޓަލް ސިޓީއަކަށްދާން. އެއީ މާލެ ކަމަށްވިއަސް، އައްޑޫ ސިޓީކަމަށްވިއަސް ފުވައްމުލަކަށް ކަމަށްވިއަސް ދާން. އެމީހުންގެ ގެދޮރު ބަހައްޓާފައި ރަށުގައި. އެމީހުން ރަށުން ބޭލުމެއް ނެތި އެކަން ކުރުމުގެ ފުރުސަތު ދޭނަން." ޢުމަރު ނަސީރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަސްތުވާތަކެތީގެ ވަބާ ނައްތާލާފައިވާ ޤައުމަކަށް ރާއްޖެ ހަދާ ޒުވާނުންނަކީ ރިވެތި އަހްލާގެއްގެ ބަޔަކަށް ހެއްދެވުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ފިޔަވަޅު އަޅުއްވަމުން ގެންދަވަނީ އެއީ ކޮން މެގާމެއްގެ ކާކުތޯ ބެއްލެވުމެއްވެސް ނެތިކަން ޢުމަރު ފާހަގަކުރެއްވިއެވެ.

"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު އަޅުގަނޑު ދޭނަން. ރާއްޖެ ހުރަސްކޮށް ނުވަތަ ރާއްޖެ ހުރަސްކޮށް މަސްތުވާތަކެތި ގެންނަ ބޯޓު ފަހަރު ބަޑިޖަހައި ފައްތާލާނަން ކަނޑަށް އަޅުގަނޑު. މަސްތުގައި ޖެހިފައި ތިބި މީހުން އެ މަސްތުން ނެރުމަށްޓަކައި 24 ގަޑިއިރުގެ ތެރޭގައި އެމީހުންގެ ރިހެބިލިޓޭޝަން ފެށޭނެ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވަނީ އެނާގެ ވެރިކަމެއްގެ މަރު އަދަބު ތަންފީޒުކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރޭވެސް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާތާ 3 މަސްދުވަހުގެ ތެރޭގައި، މިހާރު ނިހާއީ ކޯޓުން މަރުގެ އަދަބު ކަނޑައަޅާފައިވާ އެންމެނަށް އެ އަދަބު ދީ ތަންފީޒުކުރައްވާނެކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.