ޚަބަރު

ތިމަރަފުށީގައި މަތީ ތަޢުލީމް ފުޅާކޮށް ޖޫނިއަރ ކޮލެޖެއް އަޅައިދޭނަން: ނާޒިމް


  • އެމްއެންޕީގެ ސަރުކާރެއްގައި ތިމަރަފުށީގައި ޖޫނިއަރ ކޮލެޖެއް އަޅާދޭނެކަމަށް

  • ތިމަރަފުށީ ސްކޫލުގައި 11 އަދި 12 އާއި ހަމައަށް ކިޔަވާދޭގޮތް ހަމަޖައްސާނެކަމަށް

  • ސޮވެރައިން ގެރެންޓީ ބޭންކުތަކަށް ދީގެން، ގެ އެޅުމަށް ލޯނު ދޫކުރާނެކަމަށް

ތ.ތިމަރަފުށީގައި މަތީތަޢުލީމް ފުޅާކޮށް، ޖޫނިޔަރ ކޮލެޖެއް އަޅައިދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ތ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، އެއަތޮޅު ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ތިމަރަފުށީގެ ތަޢުލީމީ ފެންވަރު ކުރިއަރުވަން ޖެހިފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ، ތިމަރަފުށީގެ ތަޢުލީމުގެ ފެންވަރުން ދަށްވަމުން އަންނަނާތީ، އެރަށުގެ ގިނަ ރައްޔިތުން މާލެއަށް ހިޖުރަކުރަމުން އަންނަކަމަށެވެ. ނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި އެރަށުގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، މަތީ ތަޢުލީމު ފުޅާކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އަމިއްލަ ރަށްދޫކޮށް، ހިޖުރަކުރި ރައްޔިތުންނަށް އަމިއްލަ ވަޒަށް އައުމަށް ފުރުޞަތު ފަހިކުރުމަށްޓަކައި އެރަށުގައި ގްރޭޑް 11 އަދި 12 އުފައްދައި، ޖޫނިއަރ ކޮލެޖެއްވެސް ޤާއިމްކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ޔަޤީން ކުރައްވާ މި ރަށުގައި، ހައި ސްކޫލް ފެންވަރަށް ކިޔަވައިދިނުން، އެއީ 11، 12 އަދި އޭގެ އިތުރުން ޖޫނިއަރ ކޮލެޖެއް އަޅާ، އިރާދަކުރެއްވިއްޔާ މީހުން އަބުރާ މިރަށަށް، އަމިއްލަ އިޚުތިޔާރުގައި އަންނަ ގޮތް ހަދާދެއްވާނެކަމުގެ ވާހަކަ ތިޔަ ބޭފުޅުންނަށް ދަންނަވާލަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ތިމަރަފުށީ ރައްޔިތުންގެ ތެރެއިން ބޯހިޔާވހިކަމުގެ ދަތިކަން އޮތް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން ގެދޮރު ނޭޅޭ މީހުންނަށް ގެ އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުތަކަށް ސޮވެރައިން ގެރެންޓީ ދީގެން، ގޯތި އެޅުމަށްޓަކާއި އިސްލާމިކް އުސޫލެއްގެދަށުން ލޯނުދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެ ރަށުގައި ކުރީ ސަރުކާރުން އަޅާފައިވާ ފުލެޓުތަކަށް ދައްކަމުން އައި 5،000 ރުފިޔާގެ ކުލި 2،000 ރުފިޔާއަށް ދަށްކޮށްދެއްވުމަށްވެސް ނާޒިމް ވަޢުދުވެވަޑައިގެންނެވިއެވެ.