ޚަބަރު

އެމްޑީޕީ މެނިފެސްޓޯ: ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ވިލެޖްތަކެއް


  • - އެ ވިލެޖްތަކުގައި ހިންގާނީ ވަށާޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް

  • - ފަރުވާ ބޭނުންވާ ކޮންމެ މީހަކަށް އެންމެ ކައިރި ތަނަކުން ޚިދުމަތް ލިބޭނެ

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި އެކަމަށް ޚާއްސަ ވިލެޖްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ 2 ވަނަ ދައުރުގައި ތަރައްޤީކުރުއްވާނެކަމަށް ރައީސް އޮފީހުގެ ސީނިއަރ ސޯޝަލް ޕޮލިސީ އެނަލިސްޓް ޑރ އައިޝަތު ސަފީނާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތައް އާއްމު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމުން ގެނެސްދޭ ޕްރޮގްރާމް "މެނިފެސްޓޯ" ގައި އެމްޑީޕީން އެޕާޓީގެ ސިޔާސަތަކަށް ތަފްސީލުކޮށް ބަލާލާފައެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ސީނިއަރ ސޯޝަލް ޕޮލިސީ އެނަލިސްޓް ޑރ އައިޝަތު ސަފީނާ ވިދާޅުވީ
މަސްތުވާކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ މި ދައުރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން މި ދައުރުގައި 4 ރިހިބެލިޓޭޝަން ސެންޓަރެއް އުފައްދަވާ، 3 ސަރަހައްދެއްގައި މެތަޑޯން މައިންޓަނަސް ޕްރޮގްރާމްތައް ކުރިއަށްގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި މަސައްކަތްތައް އަދިވެސް ފުޅާކުރަންޖެހޭކަން ފާހަގަކުރައްވާ ސަފީނާ ވިދާޅުވީ ރައީސް ގެ ދެވަނަ ދައުރުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްޓަކައި އެންމެ ކައިރިން އެޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށެެވެ.

މަސްތުވާތެކި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ރިކަވަރީ ވިލެޖްތައް ހެދުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމަށްވެސް ސަފީނާ ފާހަގަކުރެއްވިއެވެ. އަދި މި ވިލެޖްތައް ވާނީ އެތަނަކުން ތަޢުލީމާއި ތަމްރީނާއި އާމްދަނީ ހޯދޭނެ މަސައްކަތްތަކަށް ތައްޔާރުކޮށްދޭ ވަށާޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށްކަމަށްވެސް ސަފީނާ ވިދާޅުވިއެވެ.

" މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެކަމުން އަރައިގަތުމަށް ފަރުވާ ހޯދަމުންދާ މީހުން އެބަ ބޭނުންވޭ މުޖުތަމައާ ދުރުގައި ވަގުތުކޮޅެއް ހޭދަކުރަން. އެ ވަގުތުކޮޅަކީ މުޖުތަމައަށް އެމީހުން އަލުން އައުމަށް ތައްޔާރުވާ ވަގުތުކޮޅެއް. ބޭނުންވާ ތަޢުލީމާއި ތަމްރީނާއި އާމްދަނީ ހޯދޭނެ މަސައްކަތްތައް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން އާއިލާ ވެސް ބައްދަލުކުރެވޭނެ ގޮތެއްގެ މަތިން މި ވިލެޖްތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާނެ." އައިޝަތު ސަފީނާ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުންނަށް ފަރުވާދީނުމުގެ ކަންކަމުގެ ޕްލޭން ހިމަނާފައިވަނީ އެމްޑީޕީގެ މެނިފެސްޓޯގެ "އައު ޒުވާނުންގެ ޖީލުގެ އެއްވެސް ޒުވާނަކު ބާކީ ނުކުރުން" މި ސިޔާސަތުގައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ޖުމުލަ 5 ބައެއް ވަނީ ހިމަނާފައެވެ. އަދި އެ 5 ބައި އެކި ސިޔާސަތުތަކަށްވެސް ވަނީ ބަހާލާފައެވެ. މިހާތަނަށް މެނިފެސްޓޯގެ 2 ބައި އާންމުކޮށްފައިވީނަމަވެސް އެކި ދުވަސްތައް މަތިން ދެން ހުރި ބައިތައް ހާމަކުރަމުން ގެންދާނެކަމަށް އެޕާޓީން ބުނެއެވެ.