ޚަބަރު

މެންބަރު ޔާސިރާއި މޭޔަރު އާޠިފް އެނބުރި އެމްޑީޕީއަށް


  • ޔާސިރު މަޖިލީހަށް އިންތިޚާބުވެވަޑައިގަތީވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި

  • އެމްޑީޕީގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި

  • މޭޔަރު އާތިފާއި ހުރިހާ ކައުންސިލަރުންވެސް ކުރިން ޑިމޮކްރެޓްސްއާއި ގުޅުނު

  • މިއާއެކު ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް މިވަނީ އެމްޑީޕީއަށް ލިބިފައި

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް، ދަ ޑިމޮކްރެޓްސް ދޫކުރައްވާ އެނބުރި އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންފިއެވެ. ޔާސިރުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ކައުންސިލްގެ އިތުރު މެންބަރުންތަކެއްވެސް ވަނީ މިރޭ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

މެންބަރު ޔާސިރާއި، މޭޔަރު އާތިފްގެ އިތުރުން ކައުންސިލްރުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ސޯލްޓް ކެފޭގައި އޮތް ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން އެޕާޓީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ޔާސިރު ތާޢީދުކުރެއްވީވެސް ރައީސް މުޙައްމަދު ނަޝީދަށެވެ. ދަ ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އިސްވެ އުފެއްދެވި ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސްއަށް އެންމެ ފުރަތަމަ ސޮއިކުރި ކައުންސިލަރުންގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހިމެނެއެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި ދުރުގައި ހުންނެވުމަށްފަހު މިރޭ އެމްޑީޕީއާއި އެބޭފުޅުން ގުޅިވަޑައިގަތުމުން ކުޅުދުއްފުށި ސިޓީގެ ކައުންސިލްގެ މެޖޯރިޓީ ވަނީ އަލުން އެމްޑީޕީއަށް ލިބިފައެވެ.

މެންބަރު ޔާސިރުވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.

ޔާސިރު އެމްޑީޕީއަށް ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.