ޚަބަރު

ކޯލިޝަން ސަރުކާރަކަށް އިންސާފެއް ގާއިމެއް ނުކުރެވޭނެ: ޒަމީލް


ރާއްޖޭގައި ހިންގާފައިވާ މަރުތަކާއި، މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް އިންސާފު ޤާއިމުކޮށް ނުދެވިވަނީ ރާއްޖޭގެ ވެރިކަމަށް ކޯލިޝަން ސަރުކާރުތައް އައުމުންކަމަށް ރިޔާސީ ރޭހުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ރިޔާސީ ކެންޑިޑޭޓާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ އިންތިޚާބަށް އެކަނިމާ އެކަނި ނިކުންނެވީ މުޖްތަމައުގައި އިންސާފު ޤާއިމުކޮށްދެއްވާ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދެއްވުމަށް ކަމަށެވެ.

ޒަމީލް ވިދާޅުވީ ކޯލިޝަން ސަރުކާރުތަކުގައި އެ ކޯލިޝަންގައި ހިމެނޭ ބައިވެރިންނަށް އަޅަންޖެހޭ ބައިތައް ބޮޑުވުމުން ޤައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ސަރުކާރުތަކުން ނުކުޅެދިފައިވާކަމަށެވެ. މިގޮތުން ކޯލިޝަންގެ ބައިވެރިންގެ ފަރާތުން އަންނަ ނުފޫޒުތަކުގެ ސަބަބުން އެތައް މައްސަލަތަކެއް ބެލުން ހުއްޓާލާ އެ މައްސަލަތައް ޕާކުކުރަން ޖެހިފައިވާކަން ޒަމީލް ފާހަގަކުރެއްވިއެވެ.

" އިންސާފަކީ ގާއިމް ކޮށްދޭން ޖެހޭ ކަމެއް. މިކަން އަޅުގަނޑަށް ހީވާގޮތުން ކާމިޔާބު ވެގެން ނުގޮސް އޮތީ ކޯލިޝަން ސަރުކާރެއްގެ ސަބަބުން. ކޯލިޝަން ބައިވެރިންގެ ފަރާތުން އަންނަ ނުފޫޒުތަކުގެ ސަބަބުން." ޒަމީލް ވިދާޅުވިއެވެ.

އިންސާފު ހޯދުމަށް ސަރުކާރުގެ އިދާރާތަކަށް ގުޅާ ޖަވާބު ނުލިބޭ މައްސަލަ ބޮޑުކަން ފާހަގަކުރައްވަމުން ޒަމީލް ވިދަޅުވީ އޭނާގެ ވެރިކަމެއްގައި ސަރުކާރުގެ އިދާރާތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވާނެކަމަށެވެ. އެގޮތުން އޮފީސްތަކަކީ އަވަސް މިނެއްގައި ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދޭނެ ތަންތަނަށް ހައްދަވާނެކަމަށްވެސް ޒަމީލް ވިދާޅުވިއެވެ. އަދި ހިދުމަތް ލަސްވާނަމަވެސް ލަސްވަނީ ކީއްވެކަމާއި ހިދުމަތުގެ އެންމެ ފަހުގެ މައުލޫމާތު ދެވޭނޭ ވަރަށް ސަރުކާރު މުއައްސަސާތައް ޖަވާބްދާރީ ކުރުވާނެކަމަށްވެސް ޒަމީލް ވިދާޅުވިއެވެ.