ޚަބަރު

ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރޭ- ރައީސް


  • - ރައީސް ޔާމީން އަންނަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން

  • - ޔާމީން ޖުލުގައި ހުރުމުން ކަންބޮޑުވާކަން ރައީސް ފާހަގަކުރެއްވި

  • - މި ސަރުކާރުން ޖުޑީޝަރީއަށް އަތެއް ނުބާނާނަން

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލައިގެ ތެރެއަށް އަތްބާނައި ނުފޫޒު ނުފޯރުވާނެކެމަށާއި ޝަރުއީ މަރުހަލާ ނުނިމެނީސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކޮށްދެއްވޭނެ ކަމެއް އަދި ނެތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިފަދައިން ވިދާޅުވީ އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެެއިން އއ.ރަސްދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ގޮވާލާ ގޮވުންތަކަށް ރައްދުދެއްވަމުން ރައީސް ޞާލިހް ރައީސް ޔާމީން ޖަލުގައި އިންނެވުމަކީ އެމަނިކުފާނުވެސް ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށާއި އެހެންނަމަވެސް ޝަރީއަތެއްގެ މެދުތެރެއިން ގޮތެއް ނިންމުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ ޔާމީންގެ މައްސަލަތައް މީގެކުރިންވެސް ހިނގިކަމަށާއި އޭރު ސުޕްރީމްކޯޓަށް ވުރެ ރަނގަޅު ތަނެއް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށެވެ. އަދި މިހާރު އަލުން ކޯޓްތައް ގޯސްވެގެން އުޅޭއިރު އޭރު އެ މައްސަލަތައް ހިނގަމުދިޔައިރުވެސް އެމަނިކުފާނު އެއްޗެއް ވިދާޅުނުވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ޔާމީނުގެ ޝަރީއަތުގެ ތެރެއަށް އަތްބާނައި ނުފޫޒު ފޯރުވަން މަޖުބޫރު ނުކުރަން އިދިކޮޅު ފަރާތްތަކަށް ރައީސް ޞާލިހް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ރައީސް ޔާމީނު ޖަލުގައި އިންނަވަން ޖެހުމުން އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވޭ އެކަމުގައި. އެހެން ނަމަވެސް ޝަރީއަތެއްގެ ތެރޭގައި، މެދުތެެރޭގައި އޮއްވައި، އެެއާ ދޭތެރޭގައި ގޮތެއް ނިންމުމުގެ ބާރެެއް އަޅުގަނޑަކަށް ނޯވޭ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމާ، ދެން އެ އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮންނަ ކަމެއް ކޮށްދިނުމުގެ އިހުތިޔާރު އަޅުގަނޑަށް އޮންނަނީ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމިން އަންނަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، ރައީސް ޔާމީނަށް ވަނީ އެ ފުރުޞަތު ގެއްލިފައެވެ.