ބިމުގެ ޖާގައިގެ ދަތިކަމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އާބާދީއަށް އަންނަ ބަދަލުތަކާއެކު ރަށުގެ ބިން ފުރި، ބޯހިޔާވަހިކަމާއި، ވިޔަފާރިއާއި އިޤްތިޞާދީ އަދި ސިނާޢީ މަސައްކަތްތަކަށް ދޫކުރާނެ ބިމެއް ނެތް އެތައް ރަށެއް ރާއްޖޭގައި އެބައޮތެވެ. މިފަދަ އެއް ރަށަކީ ކޮޅުމަޑުލު ހިރިލަންދޫއެވެ.
1000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތ. ހިރަލަންދޫއަކީ ސިނާޢީ މަސައްކަތްތައް މި އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށެވެ. ވަކިން ޚާއްސަކޮށް ފައިބަރުގެ މަސައްކަތްތަކަށް މަޝްހޫރު ރަށެކެވެ. ފުޅާ ދާއިރާއެއްގައި މަސްވެރިކަންކޮށް، މަސް ކައްކާ ހިއްކާ އާމްދަނީ ހޯދަމުން އަންނަ ރަށެވެ.
މީގެ އިތުރުން، ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި އިމާރާތްކުރުމުގެ މަސައްކަތަކީވެސް މިރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެވެ. އަދި ދިވެހި ބޭސްވެރިކަމުގައިވެސް މީ ނަން ހިނގާ ރަށެކެވެ. ރަށުގައި ދިރިއުޅޭ ބޮޑު އާބާދީއެއް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދަނީ މިދެންނެވި ފަދަ މަސައްކަތްތައްކޮށްގެން ލިބޭ ޢާމްދަނީއަކުންނެވެ.
ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ މަގު މިފަދަ ސިނާޢީ މަސައްކަތްތަކުގެ ސަބަބުން ފަހިވެފައިވާކަމީ މިއަދާއި ޖެހެންދެންވެސް ރަށުގެ ބޮޑު އާބާދީއެއް ރަށުގައި ހިފެހެއްޓިފައި އޮތް މައިގަނޑު ސަބަބެވެ. މަސް ކައްކާ ހިއްކުމުގެ މަސައްކަތްތަކަށް 15 އަށްވުރެ ގިނަ ބިން ރަށުން ދޫކޮށްފައިވެއެވެ. އަދި ފައިބަރު މަސައްކަތްކުރާ 12 ވަރަކަށް ހަރުގެ އެބަހުއްޓެވެ.
ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހުރިގޮތުން މި ދެ މަސައްކަތްވެސް ކުރަމުން އަންނަނީ ރަށުގެ ދެކުނު ފަރާތުން އެއް ސަރަޙައްދެއްގައެވެ. މިއީ އެންމެ ރައްކާތެރިގޮތް ނޫންކަމުން، މިކަމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ކައުންސިލުންވެސް ފާހަގަކުރެއެވެ. އިޤްތިޞާދީ އިތުރު ހަރަކާތްތަކާއި ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތަކަށް ރަށް ހުޅުވާލުމުގައިވެސް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގެ ބިން ފުރިފައިވުމެވެ.
ހިރިލަންދޫ ބިން ބޮޑުކުރުމަށް ނިންމަވާ އެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ 10 ނޮވެމްބަރު 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން 2022 ވަނަ އަހަރުގެ މެއިމަހު ފެށިއެވެ. އެހެންނަމަވެސް ޑްރެޖަރަށް ދިމާވި މައްސަލައެއްގެ ސަބަބުން މަސައްކަތް ހުއްޓުމަކަށް އައެވެ.
ދުވަސްތަކަކަށް ހުއްޓިފައި އޮތުމަށްފަހު މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. ބަންޑުވޯލް ޖަހާ، އެމް.ޓީ.ސީ.ސީގެ ބޮޑު ޖައްރާފާ މިހާރު ވަނީ ވަކި ހިސާބަކަށް ވެލި އަޅާފައެވެ.
ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ހިރިލަންދޫގެ ރައްޔިތެއް ބުނިގޮތުގައި ހިރިލަންދޫއަށް ބިން އިތުރުކޮށްދިނުމަކީ ރައްޔިތުންގެ ފަރާތުން އެކި ސަރުކާރުތަކުގައި އެދެމުންދިޔަކަމެއްކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެކަން ނުވެ އޮތްވާ ރައްޔިތުންގެ އެ އުއްމީދުތަކުގައި މި ސަރުކާރުން ކުލަ ޖައްސައިދީފައިވާކަމަށް އޭނާ ބުންޏެވެ. މަސައްކަތް އަލުން ފެށިގެންދާތީ އެކަމާ އުފާކުރާކަން ފާހަގަކުރަމުން އޭނާ ބުނީ މިއީ ރަށުގެ މުސްތަގުބަލަށްޓަކާ ކުރެވިގެންދާ މުހިންމު މަސައްކަތެއްކަމަށެވެ.
"މިއީ މިރަށަށް ވަރަށް މުހިންމު މަސައްކަތެއް. މިރަށަކީ މަސް ކެއްކުމާއި، ފައިބަރު މަސައްކަތްފަދަ ސިނާޢީ މަސައްކަތްތަކެއް ހިންގާ ރަށެއް. ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެއް. ނަމަވެސް ކުރިން މިދިޔަ އެއްވެސް ސަރުކާރަކުންވެސް އާދޭސްކޮށްކޮށް ބިމުގެ ދަތިކަން ހައްލުކުރެވޭނެގޮތެއް ނުވެފައި އޮތީ. އެހެންނަމަވެސް ރައީސް މިރަށަށް ވަޑައިގެން ވަޢުދުވީ ފަދައިން މަސައްކަތް ފެށިގެން ކުރިއަށް މިދަނީ" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހިރިލަންދޫ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 26 ހެކްޓަރެވެ. އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ރަށުގެ ދެކުނު ފަރާތު ސިނާޢީ މަސައްކަތްތައް ކުރާ ސަރަޙައްދުން ރަށުގެ ބިމަށް 25 ހެކްޓަރު އިތުރުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލާނެއެވެ. އަދި މޫދަށް އެރޭ ސަރަޙައްދެއްވެސް އެ ރަށުގައި ތަރައްޤީކުރާނެއެވެ. މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ.
މިއީ ހިރަލަންދޫގެ މަޑުޖެހިފައިވާ އިޤްތިޞާދަށް އިތުރު އާރޯކަމެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުންވެސް ދެކެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފުޅާވަމުން އަންނަ ރަށު ފަތުރުވެރިކަން އެރަށަށްވެސް ތަޢާރަފުކުރުމަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުންވެސް ދެކެއެވެ.
ހަމައެހެންމެ ބޯހިޔާވަހިކަމަށް ބިން ދޫކުރުމާއި، އެހެނިހެން އިޖްތިމާޢީ އިޤްތީޞާދީ ހަރަކާތްތަކަށްވެސް ރަށް ހުޅުވާލަދޭނެ ކަމެއްގެގޮތުގައި މިރަށުގެ ރައްޔިތުން ދެކެއެވެ.