ޚަބަރު

ސިއްޙަތު ތަންދޭނަމަ ހުރިޔާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ- މާރިޔާ


  • - ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އއ.ގެ ދަތުރު ވަނީ މެދުކަނޑާލާފައި

  • - ސިއްޙަތު ތަންދޭނަމަ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ސިއްޙަތު ތަންދޭނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިފަހަރުގެ ރިޔާސީ ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގެ ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި ރައީސް އިއްޔެ ވަނީ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންނެވިއެވެ. އަދި މިއަދު އެ އަތޮޅު ހިމަންދޫއަށް ވަޑައިގަތުމަށްފަހު އދ. އަތޮޅަށް ދަތުރު ފައްޓަވަން އޮތީ ނިންމަވާފައެވެ. އެހެންނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ދަތުރުކުރުކުރެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

މިދިޔަ 2018ގެ ރިޔާސީ އިންތިޚާބުގައި ކެމްޕެއިންގައި ރައީސް ޞާލިހް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިފަހަރުގެވެސް ރައީސްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުން ކަމަށެވެ. އެހެންނަމަވެސް ސިއްހަތު ތަން ނުދޭނަމަ ދަތުރުތަކަށް ބަދަލު އައުން އެކަށީގެންވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ހުރިހާ ރަށަކަށް ރައީސް ވަޑައިގަތުމަކީ. އެކަމަކު މިކަހަލަ ކަމެއް ދިމާވެގެން އެހެން ހުއްޓުން އެރުން ފިޔަވައި ހަމަ ގައިމުވެސް ރައީސް ހުރިހާ ރަށަކަށް ދަތުރުފުޅު ކުރެއްވޭތޯ މަސައްކަތް ކުރައްވާނެ،" މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް ޞާލިހް މިހާރު ވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކަށް ޒިޔާރަތްކުރައްވާ އެ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ނަގަން 22 ދުވަހަށް ވެފައިވާއިރު އިންތިޙާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެވެސް ކެމްޕެއިން ފޯރި ވަނީ ގަދަވެފައެވެ. ހުރިހާ ކެންޑިޑޭޓުންވެސް ގެންދަވަނީ އެ ބޭފުޅުންގެ ރިޔާސީ ވައުދުތައް އާއްމުކުރައްވާ ރައްޔިތުންނާއިއެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. 8 ކެނޑިޑޭޓޫން ވާދަކުރާ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަމަހުގެ 9 ވަނަދުވަހުއެވެ.