ޚަބަރު

ރައީސް ޔާމީންގެ މައްސަލައަށް އީޔޫގެ ވަފްދުން ނުވަންނާނެ، އެއީ ރާއްޖޭގެ ދާހިލީ މައްސަލައެއް: އީޔޫ މިޝަން


  • ޔާމީންގެ މައްސަލައަށް އީޔޫއިން ވަނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައި

  • އީޔޫގެ ވަފްދުން ވިދާޅުވީ އެއީ ޝަރުޢީ މަރުހަލާގައި އޮތް މައްސަލައެއްްކަމަށް

  • ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަމަށް ވަފްދުގެ ވެރިޔާ ވިދާޅުވި

ހައިކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ތެރެއަށް ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުންގެ ވަފްދުން ނުވަންނާނެކަމަށާއި، އެއީ ރާއްޖޭގެ ދާހިލީ މައްސަލައެއްކަމަށް ރިޔާސީ އިންތިހާބުގެ ކަންކަން މޮނިޓަރކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުގެ ވެރިޔާ ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވެއްޖެއެވެ.

އީޔޫގެ ވަފްދުން މިކަން ހާމަކޮށްފައި މިވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައާ ގުޅޭގޮތުން ވަކި ގޮތަކަށް ކަންކަން ކުރެއްވުމަށް އީޔޫއިން ސަރުކާރަށް ބާރު އެޅުއްވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވަފްދުގެ އަރިހުން އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އީޔޫގެ ވަފްދާއެކު މި މަހު 15 ވަނަ ދުވަހު އޮތް ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްގެންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، އަދި އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ނާޗޯ ވިދާޅުވީ، އެ ވަފްދު ރާއްޖެ އައުމުގެ މަޤްޞަދަކީ، އިންތިޚާބު ހިނގަނީ ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ޤައުމުތަކާއި، ރާއްޖޭ ޑިމޮކްރެޓިކް އުސޫލުތަކާއި ޤާނޫނުތަކުގެ ދަށުންތޯ ކަށަވަރުކުރުމަށްކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ރާއްޖޭގެ ޝަރުޢީ މަރުހަލާގައި އޮތް ރާއްޖޭގެ ދާހިލީ މައްސަލައެއްކަމަށާއި، އެ މައްސަލައިގެ ތެރެއަށް އީޔޫ ވަފްދުން އެއްވެސް ގޮތަަކަށް ނުވަންނާނެކަމަށް ނާޗޯ ވިދާޅުވިއެވެ.

އީޔޫގެ ވަފްދުގެ ވެރިޔާ ވިދާޅުވީ އެ ވަފްދު ރާއްޖެ އައި އިންތިހާބު އޮބްޒާވްކުރުމަށްކަމަށްވާތީ، އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް އޮބްޒާވްކުރުމަށްފަހު އިބްތިދާއީ ބަޔާނެއް ނެރޭނެކަމަށެވެ. މި އިންތިޚާބުގައި ހިނގާދާ ކަންކަމަށް ބަލައި އިތުރަށް ރަނގަޅު ކުރެވިދާނެކަންކަމުގެ ރިޕޯޓެއް އިލެކްޝަނަށް ހުށަހެޅުމަށްވެސް އީޔޫގެ އިލެކްޝަން އޮބްޒަރވޭޝަން މިޝަންގެ ފަރާތުން ވަނީ ނިންމަވާފައެވެ.