ޚަބަރު

މާބިންހުރާގެ ކުލިން ލިބުނު ފައިސާގެ ހިއްސާ އަދީބަށް


ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށްފަހު ލިބުނު 5 މިލިއަން ޑޮލަރު އަމިއްލަ ފަރާތްތަކުގެ އެކި އެކައުންޓްތަކުގައ ދައުރުވަމުންގޮސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޙިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މާބިންހުރާ ކުއްޔަށް ދިން މައްސަލާގައި ދައުލަތުން އަޙުމަދު އަދީބާއި ދެކޮޅަށް އުފުއްލަވާފައިވާ ޚިޔާނާތުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެރަށް ކުއްޔަށްދިނުމަށްފަހު ލިބުނު ފައިސާގެ ތެރެއިން 1.5 މިލިއަން ޑޮލަރާއި 800000 ޑޮލަރު އަދީބުގެ ހިއްސާ ކުރިން އޮތް މޮންޓަލީއޯން އިންޓާރނޭޝަނަލް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ.

މާބިންހުރާ ކުއްޔަށް ދިނުމަށްފަހު ލިބުނު ފަސްމިލިއަން ޑޮލަރާއި ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުކަމަށާއި އެ ޗެކާމެދު އަމަލުކުރަންވީ ގޮތުގެ އިރުޝާދު އަދީބު ދެއްވާފައިވާކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި މި 5 މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވަނީ އަދީބާއި ގާތްގުޅެއް އޮންނަ ހާމިދު އިސްމާއިލްގެ ކުންފުންޏެއްގެ އެކައުންޓަކަށް ކަމަށްވެސް ދައުލަތުގެ ވަކީލް  ވިދާޅުވިއެވެ. އަދި މި އެކުންޓުން ދެ ފަހަރެއްގެ މަތިން އަދީބުގެ ހިއްސާ އޮތް ކުންފުންޏެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާއިރު އެހުރިހާ ކަމަކަށް އިރުޝާދު ދެއްވަމުން ގެންދެވީ އަހުމަދު އަދީބުކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ކޯޓުން ލިޔެކިޔުންތައް ލިބިފައިނުވާކަމަށް ބުނެ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި  އަދީބު ގެ ގާނޫނީ ވަކީލުން ޖަވާބުދާރީވެ ވަޑައިގެންފައެއްނުވެއެވެ. އެހެންނަމަވެސް މަގާމްގެ ހައިސިއްޔަތުން  އަދީބު ހުންނެވީ ފައިސާއާއި ހަވާލުވެވަޑައިގެންނެވޭ ފަދަ މަޤާމެއްގައި ނޫންކަމުގައި އޭނާގެ ވަކީލުން ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމަށް އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްވެސް ހާޒިރުކޮށްފައިވެއެވެ. އެހެންނަމަވެސް ޒިޔަތުގެ ވަކީލް ޗުއްޓީގައި ހުންނެވުމުން އޭނާގެ ބައި ކުރިޔަށް ގެންދަވާފައެއްނުވެއެވެ.

ހާމިދު އިސްމާއިލްގެ ބަލި ހާލަތު ހުރި ގޮތުން ބަންދުން ދޫކޮށްދެއްވުމަށް އޭނާގެ ޤާނޫނީ ވަކީލް މިއަދުގެ އަޑުއެހުމުގައި އެދިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ގާޒީ ނިންމެވީ ބަންދުން ދޫކުރެއްވެން ނެތްކަމަށެވެ.