ޚަބަރު

"ޓީ ވިތް އިބޫ"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ކުރިއަށްގެންގޮސްފި


  • އަންހެނުންނަށް ސަރުކާރުން ހޯއްދަވާދެއްވި ކުރިއެރުންތައް ފާހަގަކުރަން ބޭއްވި ހަރަކާތެއް

  • އެމްޑީޕީގެ ހުރިހާ ހަރުގެއެއްގައި ކުރިއަށް ގެންދިޔަ

  • މި ހަރަކާތް ކުރިއަށްގެންދިޔައީ ލައިވް މިއުޒިކްއާ އެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި އަންހެނުންނަށް ހޯދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރުމަށް "އުފާވެރި އަންހެނުން" (ޓީ ވިތް އިބޫ)ގެ ނަމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅުތަކުގެ ރަށްތައް ހިމެނޭހެން އެމްޑީޕީގެ ހުރިހާ ހަރުގެތަކެއްގައި މިއަދު ހަވީރުއެވެ. މިގޮތުން މާލެ ސަރަހައްދުގައި މި ހަރަކާތް ފެށުމުގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1ގެ ރުއްގަޑު އެކެއްގައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިހް ވަނީ އެމްޑީޕީގެ އަންހެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

"ޓީ ވިތް އިބޫ" ހަރަކާތަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ގުޅިފައިވާ ކޯލިޝަންގެ އަންހެން ކައުންސިލްގެ އިސް ބޭފުޅުންނާއި އެކުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރަކާތުގައި ލައިވް މިއުޒިކްއާއި ބޮޑުބެރުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.