ޚަބަރު

އިންތިޚާބު ކާމިޔާބު ނުވިޔަސް ކޯލިޝަނަކާ ނުގުޅޭނަން: ޒަމީލް


  • ރިޔާސީ އިންތިޚާބު ކާމިޔާބު ނުވިނަމަވެސް ކޯލިޝަން ސަރުކާރަކާ ނުގުޅޭނެ ކަމަށް ވިދާޅުވި

  • ޒަމީލް ވަނީ މީގެ ދެރޭ ކުރިން އޭނާގެ ސަޕޯޓަރުންނާވެސް ބައްދަލު ކުރައްވާފަ

އިންތިޚާބް ކާމިޔާބް ނުވިނަމަވެސް ކޯލިޝަނަކާ ނުގުޅޭނެ ކަމުގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނިޑޭޓް އަލްއުސްތާޛް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޒަމީލް މިހެން ވިދާޅުވީ ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚާއްސަ ކޮށްގެން ޓީވީއެމުން ކުރިއަށް ގެންދާ "ރިޔާސީ ކެނޑިޑޭޓާއި އެކު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިޕރޮގްރާމުގެ ތެރެއިންވަނީ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ޒަމީލްގެ ސިޔާސީ ފިކުރު ބައްޓަން ކުރައްވާ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ޒަމީލް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައިވެސް ކޯލިޝަން ސަރުކާރު ތަކުން މޮޅެތި ވައުދުތައް ވެފައިވާކަމަށާއި ދައުރު ނިމިގެން ދާއިރު ރައްޔިތުން މާޔޫސް ކަމެއްގެ ތެރެއަށް ވައްޓާލާކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވިނަމަވެސް ކޯލިޝަން ސަރުކާރަކާ ނުގުޅޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިމަސައްކަތް މިފަހަރު ކާމިޔާބު ނުވީކަމުގައި ވިޔަސް އަޅުގަނޑު އެހެން ޕާޓީއަކާ ގުޅިގެން ކޯލިޝަނެއް ހަދައިގެން އަޅުގަނޑުގެ ކުރިމަގު ބިނާކުރުމަކަށް ނުވިސްނަން. އިރާދަކުރެއްވީޔާ ހަމަ މިގޮތުގައި އަޅުގަނޑު ދެމިހުންނާނީ." ހަސަން ޒަމީލް ވިދާޅުވިއެވެ.

ޒަމީލް ވަނީ މީގެ ދެރޭ ކުރިން އޭނާގެ ސަޕޯޓަރުންނާވެސް ބައްދަލު ކުރައްވާފައެވެ. އެހެން ކެނޑިޑޭޓުންނާއި ޚިލާފަށް ޒަމީލް އޭނާގެ ސަޕޯޓަރުންނާ ބައްދަލް ކުރެއްވީ އޭނާ މިހާރު ދިރިއުޅުއްވަމުން އަންނަ މއ.މާވެޔޮވިލާގައެވެ.