ޚަބަރު

މާފަރު އެއަރޕޯޓަށް ބައިނަލްއަޤްވާމީ އުދުހުންތައް އިތުރުކުރާނަން: އިލްޔާސް


  • ނ.އަތޮޅުގެ ޓޫރިޒަމް ފުޅާކުރައްވާނެކަމަށް ވިދާޅުވި

  • ގެސްޓްހައުސްއާއި އެނޫންވެސް ވިޔަފާރިތަކަށް މާލީ އެހީ ދޭނެކަމަށް

ނ.އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން، އަތޮޅު މާފަރު އެއާޕޯޓައް ބައިނަލްއަޤްވާމީ އުދުހުންތަކުގެ ދަތުރުތައް އިތުރުކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ނ. އަތޮޅު ކެންދިކުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ، ނ. އަތޮޅުގެ ރިސޯޓުތަކާ އެއް ފެންވަރެއްގެ ހިތްގައިމު ރީތި ގޮނޑުދޮށެއް އެރަށުގައި އެބައޮތްކަމަށެވެ. މިއީ އެރަށުގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރެވޭނެކަމެއްކަމަށާއި، ނަމަވެސް މިހާތަނަށް އެރަށަށް ފަތުރުވެރިން ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އިލްޔާސް ފާހަގަކުރެއްވިއެވެ.


"މި ބީޗުތައް ވިއްކަިގެން، މި ގޮނޑުދޮށްތައް ވިއްކައިގެން ތިބޭފުޅުންނައް މިކަން ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް. މިތަނަށް ޓުއަރިސްޓުން ގެނައުމުގެ ދަތިކަމެއް އޮތީ" އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މާފަރު އެއާޕޯޓައް ބައިނަލްއަޤްވާމީ ފްލައިޓު ގިނަކުރާނެކަމަށް ވައުދުވެވަޑައިގެން އިލްޔާސް ވަނީ، ދުނިޔޭގެ އެކި މަންޒިލްތަކުން ފަތުރުވެރިންނަށް އެ ރަށަށް އާދެވޭގޮތް ހަދާނެކަމަށެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން ރައްރަށުގައި ގެސްޓްހައުސް، ބުޓިކް ހޮޓަލް، ޑައިވް ސެންޓަރު ފަދަ ވިޔަފާރިތަކަށް ވަންނަން ބޭނުންވާ މީހުންނައް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެރަށުގައި މިފަދަ ވިޔަފާރިތައް ގިނަވުމުން، އެރަށުގެ ލޯކަލް ޓުއަރިޒަމަށް އަންނާނެ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ވަނީ، އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލާލާ، ގްރީން ޓެކުހުން %50 އަތޮޅު ކައުންސިލްތަކަށް ލިބޭގޮތް ހަދާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

އިލްޔާސްގެ ކެމްޕެއިން ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ނ. އަތޮޅުގައެވެ.