ޚަބަރު

މާލޭގައި އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ ހުރަސްއަޅަމުން: މާރިޔާ


  • މާލޭގައި ކެމްޕެއިން ޖަލްސާ ބޭއްވުމަށް ހުއްދައެއް ނުލިބޭކަމަށް ވިދާޅުވި

  • މި ސަރުކާރުން ކެމްޕެއިން ހަރަކާތްތަކަށް ހުރަހެއް ނާޅާނެކަމަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޖަލްސާ މާލޭގައި ބޭއްވުމަށް ސިޓީ ކައުންސިލުން ހުރަސްއަޅަމުންދާކަމަށް އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ތުހުމަތުކުރައްވައިފިއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާރިޔާ ވިދާޅުވީ މާލޭގައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް ދެފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދިފައިވާކަމަށާއި، އެ ދެފަހަރުވެސް ސިޓީ ކައުންސިލުން ހުއްދަ ދީފައި ނުވާކަމަށެވެ.

މާރިޔާ ވަނީ ސިޓީ ކައުންސިލުން އެމްޑީޕީއަށް މާލޭގައި ކެމްޕެއިންގެ ޖަލްސާ ބާއްވަން ހުއްދަ ނުދީ ކެމްޕެއިނަށް ހުރަސް އެޅިނަމަވެސް މި ސަރުކާރުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ވާދަވެރި ޕާޓީތަކަށާއި ވާދަވެރިންނަށް ކެމްޕޭނު ކުރުމުގެ ފުރުޞަތު ދެމުންދާކަމަށެވެ. އެގޮތުން ޕީޕީއެމް ޕީއެންސީގެ މެނިފެސްޓް އިޢުލާންކުރެއްވުމަށް ހިޔާ ފްލެޓް ސަރަޙައްދުގައި ބޭއްވުމަށް އެޗްޑީސީން ހުއްދަ ދެއްވިކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށްޓަކައި މިހާރު ސިޓީ ކައުންސިލުން އެދެމުން ދަނީ. ފުރަތަމަ ފަހަރުވެސް އެހެން ކަމެއް އޮތޭ ކިޔައިފަ ހުއްދަ ނުދިން. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނި. އެކަމަކު ކައުންސިލަރުން އެބަ ވިދާޅުވޭ އެކަމެއް ނެތޭ." ކެމްޕެއިން ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާ ވަނީ އިދކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޑރ.މުޢިއްޒު ގެންދަވަނީ ރައީސް ޞާލިޙްގެ ވަޢުދުތައް ކޮޕީކުރައްވަމުންކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ. މާރިޔާ ވަނީ މާލޭގެ މޭޔަރުގެ ގޮތުގައި ހުންނަވައިގެން ޑރ. މުޢިއްޒު ގާނޫނުއަސާސީއާއި ޚިލާފަށް، އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި މަސައްކަތް ކުރައްވަމުންކަމަށްވެސް ތުހުމަތުކުރައްވާފައެވެ.