ބ. ދަރަވަންދޫ އެއަރޕޯޓު ބޮޑުކޮށް، އެރަށުގެ ހެލްތު ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގެން ރައީސް ވަނީ އެމަނިކުފާނު އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ދަރަވަންދޫއަށް ކޮށްދެއްވާނެ މުހިންމު ކަންކަން ހާމަކުރައްވާފައެވެ.
ދަރަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ ނިސްބަތުން އެތެރޭގެ އުދުހުންތަކުގައި މި ސަރަޙައްދުގައި އެންމެ ބާރުބޮޑު އެއަރޕޯޓުކަމަށެވެ. އަދި އެންމެ ބޮޑު ފައިދާއެއް ނެރޭ ޑޮމެސްޓިކް އެއަރޕޯޓަކީވެސް ދަރަވަންދޫ އެއަރޕޯޓުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، ދަރަވަންދޫ އެއަރޕޯޓު މިހާރަށްވުރެ ބޮޑުކޮށް ޚިދުމަތްތައް ފުޅާކޮށްދެއްވާނެކަމަށެވެ. އަދި ދަތުރުފަތުރުގެ ލުއިފަސޭހައާއެކު ރަށުގެ ހެލްތު ސެންޓަރުގެ ޚިދުމަތްތަކަށްވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެކަމަށާއި، ފެންވަރު ރަނގަޅުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިއެވެ.
"މި ހިސާބުގަނޑުގެ އެންމެ ބިޒީ ޑޮމެސްޓިކް އެއަރޕޯޓު މި އެއަރޕޯޓަކީ. އަދި އެންމެ ރަނގަޅު ފައިދާއެއްވެސްވާ އެއަރޕޯޓަކީވެސް މިއީ. މިތަނުގައި އެބަޖެހޭ އިތުރު ޚިދުމަތްތައް ޤާއިމުކުރަން. އެގޮތުން ރަށުގެ ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކާ ހެލްތު ސެންޓަރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މިހާރަށްވުރެ ރަނގަޅު ޚިދުމަތް އެތަނުން ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ދަރަވަންދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާ ރޯހައުސް ނުވަތަ ފްލެޓް ތަރައްޤީކޮށްދެއްވާނެކަމަށާއި، ރައްޔިތުން ދަތުރުދިއުމަށްޓަކާ ކައިރިން ރަށާއި ކައިރިން ފަޅު ރަށެއް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ބ. އަތޮޅު މަދަރުސާއަށް ބޭނުންވާ އޮފީސް ޖާގައާއި އިތުރު ކްލާސްރޫމްތައް ތަރައްޤީކޮށްދިނުމާއި ރަށުގެ ބޮޑެތި ހުރިހާ މަގެއް ތާރުއަޅާ ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ރަށް އިތުރަށް ޚިމާޔަތްކޮށްދިނުމަށްޓަކާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި، އޮފީސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވުމުގެ އިތުރުން، ހަނިފަރުބޭ ބަޔޮސްފިއަރ ރިޒަރވްގެ އައުޓް ޕޯސްޓެއް ދަރަވަންދޫގައި ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.