ޚަބަރު

ކިނޮޅަހުގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • ރައީސް ވަނީ ކިނޮޅަހު ބަނދަރާއި، އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި

  • ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަކޮށްފައިވޭ

ރ. ކިނޮޅަހުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.

ކިނޮޅަހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ބަނދަރާއި އައު އިންޖީނުގެއާ ފެނަކަ އޮފީސް ހުޅުއްވައިދެއްވައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

ކިނޮޅަހު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަޙައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖެހުން އަދި 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާ ހަވާލުކޮށްގެންނެވެ.

ކިނޮޅަހުގެ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަޞީލަތްތަކާއެކު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ. އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ. މި އިންޖީނުގޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ އޮފީސްވެސް ހުޅުވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.