ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި އައު މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޔަކާ ޙަވާލުކޮށްފިއެވެ. މި ދެ ރަށުގައި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އީވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޙުސައިން ވަޙީދެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާމެދު އޮންނަ ބިނާތަކަކަށްވާތީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުންވެސް ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ހއ. މުރައިދޫގައި އިމާރާތްކުރާ މިސްކިތަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި ގއ. ގެމަނަފުށީ މިސްކިތަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ދެ މަޝްރޫޢު ނިންމުމަށް އީވޯސަން މޯލްޑިވްސްއަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތަކެވެ. މި ދެ މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.