މާދަމާއިން ފެށިގެން އުތުރުގެ 5 ރަށެއްގައި ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ މިލިޓަރީ ޕެރޭޑްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ މި ޕެރޭޑްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ހދ. ހަނިމާދޫއަށް ބަދަލުކުރާތީ އެކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕެރޭޑްތަކެއްކަމަށެވެ. މި ޕްރޭޑްތައް މާދަމާއިން ފެށިގެން މިމަހުގެ 29 ވާ އަންގާރަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
މިލިޓަރީ ޕެރޭޑްތައް ބޭއްވުމަށް ހަމަޖެހިފައިވާ އުތުރުގެ 5 ރަށަކީ ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ނޮޅިވަރަންފަރެވެ. އެގޮތުން ހަނިމާދޫގައި މިމަހުގެ 25 ގައި، ކުޅުދުއްފުށީގައި 26 ގައި، ދިއްދޫގައި 27 ގައި، އިހަވަންދޫގައި 28 ގައި، އަދި 29 ވަނަ ދުވަހު ޕެރޭޑް އޮންނާނީ ނޮޅިވަރަންފަރުގައެވެ.
މި ދުވަސްތަކުގައި ހަވީރު 16:30 މިލިޓަރީ ޕެރޭޑް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވެއެވެ.
އެމް.އެން.ޑީ.އެފުން ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް މިހާތަނަށް ހިންގަމުންދިޔައީ ޅ. މާފިލާފުށީގައެވެ. އެހެންނަމަވެސް އޭރިއާ ކޮމާންޑްތައް ވަރުގަދަކޮށް ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް ހަނިމާދޫއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލު ގެންނަވަން ނިންމެވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމާއެކީ އެ ސަރަޙައްދަށް އަންނާނެ ބަދަލުތަކަށް ބެއްލެވުމަށްފަހުކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.