2028 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ އިޤްތިޞާދު 170 ބިލިޔަނަށް އަރާ ދައުލަތަށް ލިބޭ ޢާމްދަނީ 45 ބިލިއަނަށް އަރާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ އިޤްތިޞާދީ ސިޔާސަތު އާއްމުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްކަމަށާއި ދެވަނަ ދައުރުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކޮށް ތަރައްޤީކުރުމަށް އިސްކަންދެއްވާނެކަމަށެވެ. އަދި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ޕްރައިވެޓް ސެކްޓަރއާއެކު މަސައްކަތްކުރައްވާނެކަމަށާއި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވައިގެ ބަނދަރުތައް ތަރައްޤީކުރައްވަމުން އަންނަކަމަށާއި ވެލާނާ އިންޓރަނޭޝަން އެއަރޕޯޓް ބޮޑުކުރެވިގެންދާނީ 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށްކަމަށެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރައްވަނީ 3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު 3 މިލިޔަން ހުރަސްކޮށް 4 ނުވަތަ 5 މިލިޔަނަށް ގެންދިޔުންކަމަށެވެ.
މިއާއެކު ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު އަންނައިރު 170 ބިލިޔަން ރުފިޔާ ފަހަނަ އަޅާގޮސް ދަޢުލަތަށް ލިބޭ އާމްދަނީ 45 ބިލިޔަން ރުފިޔާ ފަހަނަ އަޅާ 50 ބިލިޔަން ރުފިޔާއާހަމައަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ލޯނު ނަގައިގެން މަސައްކަތް މިކުރަނީ. ލޯނު ދެއްކޭނެކަމުގެ ޔަޤީންކަމާއި ކަށަވަރުކަން އޮތީމަ. އެހެންވެ އަޅުގަނޑުމެން ރާއްޖޭގެ ސަރަޙައްދުތައް ތަރައްޤީކުރުމަށް ވަޢުދު މިވަނީ. ފައިސާ ހުންނާނެކަމުގެ ޔަޤީންކަން އޮތީމަ. ވާ ވަޢުދުތައް އަކުރުން އަކުރަށް ކޮށްދޭނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދަޅުވީ ރާއްޖޭގެ އިޤްތިޞަދު ފުޅާކުރެއްވުމަށް އެކި ސަރަޙައްދުތަކުގައި ޑޮމެސްޓިކް އެއަރޕޯޓްތައް އަޅާ، އާރްޓީއެލް ފެރީގެ ޚިދުމަތުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރަށް އިޤްތިޞާދީ އެހެން މަސައްކަތްތައް ކުރަމުން އަންނަކަމަށާއި މީގެ ސަބަބުން އެތަކެއް ވަޒީފާތަކެއް އުފެދިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.