ހިޔާ ފްލެޓުތަކުގައި ބަލި މީހުން އުފުލުމަށް ސްޓްރެޗަރ ލިފްޓު ހަރުކޮށް، ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް، ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރެއްވި ދިރާސާއަށް ބަލާއިރު އެންމެ ބޮޑަށްވެސް ކުލި ކުޑަ ކުރެވެން އޮތީ 4،000 ރުފިޔާއަށް ކަމަށެވެ. ވުމާއިއެކު، ފްލެޓުތަކުގެ ކުލި އެއްކޮށް މާފު ކޮށްދެވެން ނެތްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތައް، ކުލީގެ ގޮތުގައި މިވަގުތު ދައްކަމުން އަންނަނީ 8،000 ރުފިޔާއެވެ.
ނާޒިމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ލަސްވުމުގެ ޝަކުވާ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ކުރާކަމަށެވެ. ނާޒިމްގެ ސަރުކާރެއްގައި އަވަސް ލިފްޓުތަކެއް ހަރުކޮށްދެއްވާނެކަމަށް ވިދާޅުވެ ނާޒިމް ވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ޢާންމު ދިރިއުޅުމަށް ޢިމާރާތްކުރާ ފްލެޓުތަކަކީ ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމްތަކާއެކު ބިނާކުރާ ފްލެޓުތަކެއްކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ކޮންމެ ހިޔާ ފްލެޓެއްގައިވެސް ބަލި މީހުން އުފުލުމަށް ސްޓްރެޗަރ ލިފްޓު ހަރުކޮށްދެއްވާނެކަމަށެވެ.
"ހިޔާ ފްލެޓުތަކުގައި މިހާރު ދިމާވެފައި އޮތް މައްސަލަތަކުގެ ތެރޭގައި ބަލި މީހަކު ތިރިއަށް ބާލާންޖެހިއްޖެއްޔާ، ބަހައްޓަން ޖެހެނީ ކޮޅަށް. ކޮން ޤައުމެއްގައިތޯ ފްލެޓުތައް ހަދާއިރުގައި ސްޓްރެޗަރ ލިފްޓު ނުލާ ހަދަނީ. މީހަކު ނިޔާވެއްޖިއްޔާ ކިހިނެއްތޯ ކޮޅަށް ބަހައްޓަނީ. އަނެއްކާ ލިފްޓުތައް މަސައްކަތް ކުރާލެއް ލަސްވުމަކީވެސް މިހާރު ޖެހިފައި އޮތް ބޮޑު މައްސަލައެއް. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ފްލެޓުތަކުގައި ސްޓްރެޗަރ ލިފްޓު ހަރުކޮށް، އަވަސް ލިފްޓަށް ބަދަލުކޮށްދޭނަން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން އެސަރަހައްދަށް ސްޓްރަކްޗަރަލް ޕާކިންގ ސިސްޓަމެއް ޤާއިމްކުރުމާއި، ކޮންވެންޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމްކުރުން ހިމެނެއެވެ. އަދި ހުޅުމާލޭގައި ތީމް ޕާކެއް ހެދުމާއި، ފެން ބިލުން ފުރަތަމަ 3000 ލީޓަރު ހިލޭ ކޮށްދިނުމުގެ އިތުރަށް، ކަރަންޓު ބިލުން ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދިނުމަށްވެސް ނާޒިމް ވަނީ ވަޢުދުވެވަޑައިގެންފައެވެ.