ކުޅިވަރު

އައިއޯއައިޖީ 2023: މިކްސް ޓީމު ރިލޭއިން ރާއްޖެއަށް ލޯ މެޑަލް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސް 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމު ރިލޭގައި ވާދަކޮށް ރާއްޖޭގެ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

އެތުލެޓިކްސް ޓީމުން ހޯދި ތިން ވަނަ ލޯ މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަން އެވެ.

މިއަދު ކުރިއަށްދިޔަ ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 3 މިނެޓު 33.86 ސިކުންތުންނެވެ. އެއް ވަނަ އަށް ދިޔަ މަޑަގަސްކަރަ ޓީމުން ރޭސް ނިންމީ 3 މިނެޓު 29.68 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ރިިޔޫނިއަން އިން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ. ރާއްޖެ އިން ތިން ވަނަ ހޯދީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.

ރާއްޖޭގެ މިކްސް ރިލޭ ޓީމުން މި ހޯދި މެޑަލް އަކީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރިލޭ އިން ހޯދި ތިން ވަނަ މެޑައްޔެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮތް ސައުތު އޭޝިއަން ގޭމްސް އާއި 2019 ގައި މޮރީޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 4 ގުނަ 100 މީޓަރު ދުވުމުންވެސް ލޯ މެޑަލް ހޯދާފަ އެވެ. އެ ދެ ފަހަރު ވެސް މެޑަލް ހޯދި އެތުލީޓުންގެ ތެރޭގައި މި ފަހަރުގެ ޓީމްގައި ހިމެނުނު ހަސަން ސާއިދު ހިމެނެ އެވެ.