ޚަބަރު

ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދޭ: ރައީސް


  • ޕީޕީއެމްއާއި އެމްޑީޕީއަކީ ވާދަވެރި 2 ފިކުރުގެ ޕާޓީއެއްކަަމަށް ވިދާޅުވި

  • ބައެއް ކެންޑިޑޭޓުންނަށް އެނގިލައްވާނެ އެ ބޭފުޅޫން 2 ވަނަ ބުރަކަށް ނުދާނެކަމަށް

  • އެމްޑީޕީން ވަކިވި މެންބަރުން އަލުން ގުޅުމުގައި ރިޝްވަތެއް ނުހިމެނޭނެކަމަށް ވިދާޅުވި

ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އަދިވެސް މަޝްވަރާތައް ކުރިއަށްދާކަަމށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، އިންތިޚާބުގެ ކުރިން ކޯލިޝަން ހެދުމުގެ ފުރުޞަތު އަދިވެސް ޕާޓީތަކަށް އެބައޮތްކަމަށެވެ.

ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބައެއް ޕާޓީތަކަށް އިންތިޚާބުގައި ކާމިޔާބު ނުވާނެކަން އެނގޭކަމަށެވެ. އެޕާޓީތަކުގެ ސަބަބުން ވޯޓު ބައިބައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިޚާބުގެ ކުރިން އެޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އަދިވެސް މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ ޕީޕީއެމްއާއި އެމްޑީޕީއަކީ ތަފާތު dެ ފިކުރެއްގެ ބައެއްކަމަށާއި ޤައުމަށް ފައިދާވާނީ ދެޕާޓީން ވަކިން މަސައްކަތް ކޮށްގެންކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަންވެސް އޮންނާނީ ވަކިން މަސައްކަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއެކު އެކި ލެވެލްގައި މަޝްވަރާ ކުރަމުން އަންނަކަށާއި މިއީ އެ ޕާޓީތަކުން ގޮތް ނިންމަންވީ ދަނޑިވަޅުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން މިހާރު އޭގެތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވޭނެ އެ ބޭފުޅުންނަށް ފުރަތަމަ ބުރުގައި އުންމީދެއް ނެތްކަން. ޕީޕީއެމްއާ އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއް ނޯންނާނެ. މުޅިން ތަފާތު ވިސްނުމެއް މި އޮތީ. ތިބެން ޖެހޭނީވެސް ދެފަރާތުގައި. އެއީ ޤައުމަށް އެންމެ ފައިދާވާނެ ގޮތް. ދެބައި މީހުން އެއްވެއްޖެނަމަ ވާދަވަރެވި ސިޔާސީ ޕާޓީއެއް ނޯންނާނެކަމަށް." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި އެމްޑީޕީން ވަކިވި މީހުން އަދިވެސް އެޕާޓީއާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް މެންބަރަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާއިރު ރިޝްވަތު ދިނުމުގެ އެއްވެސް ކަމެއް ހިންގާފައިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެބޭފުޅުން އެމްޑީޕީއަށް އަލުން ގުޅިވަޑައިގަންނަވަނީ ޤައުމަށާއި ދާއިރާގެ ލާބައަށްކަމަށެވެ. ރައީސް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަނބުރާ ޕާޓީއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ޕާޓީން ބައެއް މެންބަރުން ވަކިވި ނަމަވެސް، ރަށްރަށުގައި އެމްޑީޕީ އޮތް ގޮތަށް އެބައޮތް ކަމަށެވެ. ވަކިވާ މެންބަރުން އަނބުރާ އަންނަނީ އާންމު ރައްޔިތުން އެމްޑީޕީއާއެކު ތިބުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.