ޚަބަރު

"ރިޔާސީ ބަހުސް" އަންނަ ހޮނިހިރު ދުވަހު، ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވާނެ


  • ރިޔާސީ ބަހުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00 އިން 23:00 އަށް

  • ބަހުސްގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެ

  • އެމްއެންޔޫގެ އެހީތެރިކަންވެސް ބަހުސްއަށް ލިބޭނެ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ "ރިޔާސީ ބަހުސް" އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިފަހަރުގެ ރިޔާސީ ބަހުސް ބާއްވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ސަންގު ޓީވީ ގުޅިގެންނެވެ. ޕީ.އެސް.އެމްއިން އެންމެ ފުރަތަމަ ބަހުސް ބޭއްވުމަށް ކަނޑައެޅީ އަންނަ ހުކުރުދުވަހުގެ ރޭގަނޑެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގެ ވަގުތުތައް ހުރިގޮތުން ބަހުސްގައި ބައިވެރިވެވޭގޮތް ނުވުމުގެ ސަބަބުން، ޕީ.އެސް.އެމްއިން ވަނީ ވަކިން ބަހުސްއެއް ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ޕީ.އެސް.އެމްއާއި ސަންގު ޓީވީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ. މި ބަހުސް ބާއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއިވެސް އެކުގައެވެ.

މި ބަހުސްގައި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ދަޢުވަތު ފޮނުވާފައިވާކަމަށާއި، އިންތިޚާބުގައި ވާދައްކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބަހުސްގައި ބައިވެރިވާނެކަމުގެ ޔަޤީންކަންދެއްވާފައިވާކަމަށް މިކަމާގުޅިގެން ޕީއެސްއެމްއާއި ސަންގު ޓީވީ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ބްރޯޑްކާސްޓަރުން އިންތިޒާމުކުރާ ކަންކަމުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުމަކީ ލާޒިމްކަމެކެވެ. އެހެންކަމުން، ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ބަހުސެއް ބޭއްވިޔަސް، އެހެން ޕްރޮގްރާމެއް އިންތިޒާމް ކުރިނަމަވެސް، ބްރޯޑްކާސްޓަރުން އެކަމެއް ކުރައްވަންވާނީ، ހަމަހަމަ ފުރުސަތު ފަހިވާގޮތެއްގެ މަތީންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.