ޚަބަރު

5 ސަރަހައްދެއްގައި 4000 ހައުސިންގ ޔުނިޓް ތަރައްޤީކުރަން އެމެރިކާ ކުންފުންޏަކަށް


  • އައްޑޫ ސިޓީގައި 750 ޔުނިޓް

  • ގދ. ތިނަދޫގައި 500 ޔުނިޓް

  • ލ. ގަމުގައި 1000 ޔުނިޓް

  • ކުޅުދުއްފުށި ސިޓީ 1000 ޔުނިޓް

  • ގްރޭޓަރ މާލެ ސަރަޙައްދުގައި 750 ޔުނިޓް

  • ޖުމްލަ 249 މިލިއަން ޑޮލަރު ޚަރަދުވާނެ

  • މަޝްރޫޢު ނިންމުމަށް 36 މަސް

އަތޮޅުތަކާއި މާލޭ ސަރަޙައްދުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެމެރިކާގެ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އެކުންފުންޏާއެކު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގެ 5 ސަރަހައްދެއްގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން އައްޑޫ ސިޓީގައި 750 ހައުސިންގ ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް، ލ. ގަމުގައި 1000 ހައުސިންގ ޔުނިޓް، ކުޅުދުއްފުށި ސިޓީ 1000 ހައުސިންގ ޔުނިޓް އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 750 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރެވެ. މިއެއްބަސްވުމުގެ ދަށުން ތަރައްޤީކުރާ ހައުންސިންގ ޔުނިޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގައި އެފް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ޖުމްލަ 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެމެރިކާގެ ކުންފުންޏަކާ ޙަވާލުކޮށްފައިވާއިރު، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކާވެސް ދާދިފަހުން ވަނީ ޙަވާލުކޮށްފައެވެ. ދެ ފިޔަވަށްސަކަށް ބަހަލާއިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުރަތަމަ ތަރައްޤީކުރާނީ 2000 ހައުސިންގ ޔުނިޓެވެ. ފުރަތަމަ ފިޔަވަށްސަށް އެކަނިވެސް 165 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ގްރޭޓަރ މާލޭ ސަރަހައްދާއި، އަތޮޅުތަކުގައި މިވަގުތުވެސް ސަރުކާރުން ގެންދަވަނީ ހައުސިންގ މަޝްރޫޢުތައް ހިންގަވަމުންނެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިންގގެގޮތުގައި ފްލެޓާއި ރޯ-ހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.