ޚަބަރު

ދެއަހަރާއި ބައިގެ ތެރޭގައި ދަރަނި ދަށްކުރާނަން: ޒަމީލް


  • ދަރަނި ދަށްކުރުމަށް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައިވޭ

  • ކުދި އާބާދީތަކަށް ޚަރަދު ނުކުރާނެކަމަށް

ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ދެއަހަރާއި ބައިގެ ތެރޭގައި ދައުލަތުގެ ދަރަނި ހެޔޮ މިންވަރެއްގައި ހިފަހައްޓާނެކަމަށް އަމިއްލަ ގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އަލްއުސްތާޛު ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގެ ހަރަކާތްތައް ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރަމުން ގެންދަވާ ޒަމީލް ވަނީ، ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ކުރިއަށް އޮތް ދެއަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދު ކުޑަކޮށް، ދަރަނި ހެޔޮ މިންވަރެއްގައި ހިފަހައްޓާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ވަޒީފާގެ އެންމެ ކުޑަ އުޖޫރައަކީ 20000 ރުފިޔާއަށް ހަދައިދޭނެކަމަށްވެސް ޒަމީލް ތަކުރާރުކުރެއްވިއެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 20000 އާއި 25000 ރުފިޔާ ދެމެދުގެ ޢަދަދެއް ހަމަޖައްސާނެކަމަށް ޒަމީލް ވަނީ އޭނާގެ މެނިފެސްޓޯ ގައިވެސް ހިމަނުއްވަފައެވެ. އަދި ބުރަ މަސައްކަތް ނުވަތަ ގެއްލުމެއް ލިބިދާނެފަދަ މާހައުލެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ނުވަތަ އިނާޔަތްތައް އިތުރު ކޮށްދެވޭނޭ ގޮތެއްވެސް ހޯއްދަވާނެކަމަށްވެސް ޒަމީލްގެ މެނިފެސްޓޯގައިވެއެވެ.

ޒަމީލް ވިދާޅުވެފައިވަނީ ޚަރަދުކުޑަކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުނަވާކަމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 1000 މީހުން ހަމަނުވާ އާބާދީތަކަށް ދައުލަތުން ޚަރަދު ނުކުރާނެކަމަށެވެ.

މިސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި ހަސަން ޒަމީލް މިފަހަރުގެ ރިޔާސީ އިންތިހާބްގައި ވާދަކުރައްވަނީ ރަނިންމޭޓެއްގެ ގޮތުގައި އަނބިކަނބަލުން މަރިޔަމް އަލީމް ހަމަޖައްސަވައިގެންނެވެ.