ޚަބަރު

ފުވައްމުލަކު ބަނދަރު ތަރައްޤީނުވެ އޮތުމަކީ ބޮޑު އިހުމާލެއް: ޤާސިމް


  • ބަނދަރުގެ ދަތިކަމާހެދި އެތައް ހިތާމަވެރި ހާދިސާއެއް ހިނގާފައިވާކަމަށް

  • އެރަށުގައި ބަނދަރު ހަދާފައި ވަނީ ރައީސް މައުމޫންގެ ސަރުކާރުގައި

ފުވައްމުލައް ސިޓީގެ ބަނދަރު އިތުރަށް ތަރައްގީ ނުކުރެވިއޮތުމަކީ އެސިޓީގެ ރައްޔިތުންނަށް ވެފައިއޮތް ބޮޑު އިހުމާލެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ޒުވާނުންނާއި ބައްދަލް ކުރައްވާ ގާސިމް ވިދާޅުވީ ފުވައްމުލަކުގައި މީގެ އަހަރުތަކެއް ކުރިން ތަރައްޤީކުރި ބަނދަރު އިތުރަށް ތަރައްގީ ނުކުރެވި އޮތުމަކީ ބޮޑު އިހުމާލެއްކަމަށާއި، އެއީ އެސިޓީގެ ރައްޔިތުންނަށް ވެފައިވާ ބޮޑު ބޭއިންސާފެއް ކަމުގައެވެ.

ގާސިމް ވިދާޅުވީ ޒަމާނުންސުރެ ފުވައްމުލަކު ބަނދަރުގެ ދަތިކަމާއި ހުރެ ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާކަމަށާއި، އެރަށުގައި ބަނދަރެއް ތަރައްޤީކުރެއްވީ ރައީސް މައުމޫންގެ ސަރުކާރުގައި ބޭރުގެ ފަރާތެއްގެ އެހީގައިކަމަށެވެ. ނަމަވެސް އޭގެފަހުން އެތައް އަހަރެއް ފާއިތުވެފައިވާއިރު އެކަމުން ދައްކުވައިދެނީ ވެރިކަންކުރި ޕާޓީތައް ފެއިލްވެފައިވާކަންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ހިތާމަ ކުރާ އެއްކަމަކީ، މިރަށަކީ ޒަމާނުންސުރެ ބަނދަރުގެ ދަތިކަމާހެދި އެތައް ބައިވަރު އިންސާނުންނެއް މަރުވެ ގޮސްފައިވާ ރަށެއް. އެހެން އެކަން އޮއްވާ ރައީސް މައުމޫންގެ ސަރުކާރުގެ ފަހުކޮޅުގަ މިރަށުގައި ބަނދަރެއް ހެދިގެން ދިޔައީ ބޭރުގެ އެހީގަ. އެއަށްފަހު އެބަނދަރު އިތުރަށް ތަރައްގީނުވެ ދާ ދިޔުން އެއީ އަޅުގަނޑު ދަންނަވާނީ މިސަރުކާރުގެ ވަރައްބޮޑު ހިޔާނާތެއް. ވަރަށް ކުދި ކުދި އާބާދީ ދިރިއުޅޭ ރަށްރަށުގައިވެސް ބޮޑެތި ހަރަދު ކޮއްގެން އެތަކެއް މިލިޔަން ރުފިޔާއެއް ހަރަދު ކޮއްގެން ބަނދަރު ހަދަމުން އެއަންނަނީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮއްގެން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ އޮތްނަމަވެސް އެރަށުގެ ޙާލަތު ވަރަށް ދަށްކަމަށެވެ. ސިޓީއެއްގެ ދަރަޖަ އޮންނަ ނަމަ އެހެން އާދައިގެ ރައްރަށާއި ތަފާތުކޮށް އެތައް ބޮޑެތި މަޝްރޫޢުތަކެއް ހިންގަން ޖެގޭކަމަށެވެ. ގާސިމް ވަނީ ފުވައްމުލަކު ސިޓީ ރައްޔިތުން އެދޭ އަށް މަޝްރޫޢުއަކަށް އިސްކަންދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.