ޚަބަރު

3 ރަށެއްގެ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް އެމްޓީސީސީއަށް


  • އެމްޓީސީސީއަކީ ޢުމްރާނީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ކުންފުނި

  • 3 ރަށުގެ މަސައްކަތަށް އެކަނިވެސް 107 މިލިއަނެއްހާ ރުފިޔާ ޚަރަދުވޭ

3 ރަށެއްގެ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތަކެއްގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި އދ. ދަނގެތީ ބަނދަރު ބޮޑުކުރުމާއި އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމާއި، އެ ސަރަޙައްދަށް ދޯނި ގާތްކުރެވޭގޮތް ހެދުން ހިމެނެއެވެ. އަދި ބ. ކަމަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ހދ. ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ދަނގެތީ ބަނދަރު ބޮޑުކޮށް އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކާ ދޯނި ގާތްކުރާގޮތަށް ހެދުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 76.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ.

މި މަޝްރޫޢުގެ ދަށުން އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ 3.3 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އެންމެ ޒަމާނީ ބަނދަރަކަށް ބޭނުންވާ ހުރިހާ މަސައްކަތްތަކަކާއި، ބަނދަރާއި އިންވެގެން ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

ބ. ކަމަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވާފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާ ގޮތަށެވެ. މި މަޝްރޫއަށް 24 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ހދ. ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވީ 180 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާގޮތަށެވެ. މިއީ 5.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކަނޑިންމައިގައި ހުރި ގާތައް ނަގާ، ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި 3 ރަށުގެ މަޝްރޫޢުތައް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.