ރިޔާސީ އިންތިހާބު

ރިޔާސީ އިންތިޚާބު: ވޯޓްލުން ނިމި، ވޯޓް ގުނުން ކުރިއަށް


  • ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް

  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުނު

  • ވޯޓުލުމުގެ ހައްޤު 282،395 މީހަކަށް ލިބިފައިވޭ

މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓްލުމުން ނިމި، ވޯޓް ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހިއިރުއެވެ. އަދި ހަވީރު 4:00 ޖެހުމާއި ހަމައަށް ވޯޓްލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ހަވީރު 4:00 ޖެހިއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވަނީ ބައެއް ވޯޓު ފޮށިތައް ގުނަންވެސް ފަށާފައެވެ. އަދި ބައެއް ފޮށިތަކުގެ ނަތީޖާވެސް ވަނީ މިހާރު އިއުލާންކޮށްފައެވެ.