ޚަބަރު

އެއްވެސް ބޭފުޅަކަށް އެއްބުރުން ކާމިޔާބެއް ނުވި؛ ރައީސަކު ކަނޑައަޅާނީ ދެވަނަ ބުރުން


  • ކުރީގައި އުޅުއްވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

  • ދެވަނައިގައި އުޅުއްވަނީ ރައީސް ސާލިހު

  • ދެވަނަ ބުރު އޮންނަނީ މިމަހުގެ 30 ވަނަ ދުވަހު

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ބޭފުޅަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވި، ދެވަނަ ބުރަކަށް ދާންޖެހިދާނެކަން ނަތީޖާތަކުން ދައްކައިފިއެވެ.

އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 46.15 އިންސައްތަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުއަށް 101453 ވޯޓް ލިބިވަޑައިގެންފައިވެއެވެ.

39.09 އިންސައްތަ ވޯޓާއެކު ވަގުތީ ނަތީޖާއިން ދެވަނަ ލިބިވަޑައިގަންނަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަށް 85920 ވޯޓް ލިބިވަޑައިގެންނެވިއެވެ.

ވަގުތީ ނަތީޖާއިން 3 ވަނަ ލިބޭނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އަދި 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙީމެވެ. ވަގުތީ ނަތީޖާއިން 6 ވަނަ ލިބެނީ އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދު އޮތް އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިވަޑައިގެންފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.