ޚަބަރު

2ވަނަ ބުރުގެ ވޯޓުލުން ހެނދުނު 08:00އިން ހަވީރު 05:00އަށް


  • ވޯޓުލުމަށް ހެނދުނު 8:00އިން 17:00 އަށް ވަނީ ވަގުތު އިތުރުކޮށްފައި

  • ގިނަ މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދިނުމުގެ ގޮތުން

  • 17:00ގެ ފަހުން ކިއުތައް ބަންދުވާނެ

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭނެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނެ ވަގުތެއްގެ ގޮތުގައި އެިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވީ ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ. އެހެންނަމަވެސް ގިނަބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓުލެވޭ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްދީފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތައްޔާރީތަކާ ގުޅެގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބްރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ވޯޓުލުމުގެ ވަގުތު އިތުރު ކުރައްވާފައިވަނީ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުނުލާ ތިބުމުގެ ސަބަބުން އެ ފުރުޞަތު ވީހާވެސް ގިނަ މީހުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށެވެ. ހަބީބް ވިދާޅުވީ ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެދުވަހުގެ ހެނދުނު 8:00 އިން 17:00 ކަމަށާއި، އެއަށްވުރެ އިތުރަށް ވަގުތު ނުދެއްވާނެކަމަށެވެ. އަދި ކުރިންވެސް ޢަމަލުކުރަމުން. އަންނަ ގޮތަށް 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށް ހަބީބް ވިދާޅުވިއެވެ. ޙަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު 15:00 ގެ ކުރިން އިޢުލާންކުރައްވާނެކަމަށެވެ.

"ވޯޓުލެވޭނެ ވަގުތު އިތުރުކުރުމަށް ނިންމާފައިވަނީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުން. ވަގުތު އިތުރުކުރިނަމަވެސް ވީހާވެސް އަވަހަކަށް ގޮސް ވޯޓުލައްވަންވީ. 17:00 ގެ ފަހުން އެންމެ މިނެޓަކަށްވެސް ވަގުތު އިތުރެއް ނުކުރެވޭނެ. ކިއު ބަންދުވާނެ."އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ %79.8 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤުލިބިފާ 282،395 މީހުންގެ ތެރެއިން 225486 މީހުންނެވެ. އަދި މިއީ ރިޔާސީ އިންތިހާބެއްގައި މިހާތަނަށް އެންމެ މަދުން މީހުން ވޯޓު ލީ ފަހަރުވެސް މެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވަމުން ހަބީބް ވިދާޅުވީ ވޯޓިން ބޫތުތައް ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސައްޙަކަން ކަށަވަރުކުރުމުގައި ދަތިތަކެއް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރިކަމަށެވެ. އަދި ދެވަނަބުރުގައި އެކަންކަމަށް ބެލުމަށްފަހު ވޯޓިން ބޫތުތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ވޯޓުލާ އެކި މަރުކަޒުތަކުގެ އޮފިޝަލުންނާއި ވޯޓު ފޮށިތަކުގެ ވެރިންގެ އަމަލުތައް ތަފާތުކަމަށާއި ދެވަނަ ބުރުގައި އެކަންތައް ރަނގަޅުކުރުމަށް އިތުރު ތަމްރީންތަކެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ހަބީބް ވިދާލުވިއެވެ.

"އެއްގޮތަކަށް ވޯޓުލުމުގެ މަރުކަޒުތަކުގައި ކަންތައްތައްކުރުމަށް އޮފިޝަލުންނަށް އިތުރު ތަމްރީންތައް ދޭނަން. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކިއުގައި ނުޖެހި ވޯޓުލެވޭނެ އިންތިމާޒްތައް ހަމަޖެސުމަށް މަސައްކަތް ކުރާނަން."އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީށް އިސްމާއިލް ޙަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރާއްޖެއިން ބޭރުގައާއި އިތުރު ރިސޯޓްތަކުގައިވެސް ވޯޓުފޮށިތައް ބެހެއްޓުމަށް އެދެމުން ދިޔަނަމަވެސް ވަގުތު ނެތުމާއެކު އިތުރު ވޯޓުފޮށިތައް ބެހެއްޓެން ނެތްކަމަށެވެ. އަދި ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓަރވުމަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާނެލާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވިއެވެ.