ލ. ކަލައިދުއާއި ދަނބިދޫ ގުޅުވައިދޭ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުމަށް، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ތައްޔާރުވެއްޖެއެވެ.
ހައްދުންމަތީގެ 5 ރަށެއް ކޯޒްވޭއަކުން ގުޅާލަން ނިންމާ، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ސަރުކާރުން ޙަވާލުކޮށްފައިވަނީ 22 ޖެނުއަރީ 2023 ގައެވެ. ވަކިވަކި 2 މަޝްރޫޢެއްގެ ގޮތަށް ކުރިއަށް މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެއަތޮޅު ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމެވެ.
މި މަޝްރޫޢުގެ ދަށުން ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީން މިހާރު މިވަނީ ތައްޔާރުވެފައެވެ. އެގޮތުން މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ސާމާނު ގެންގޮސް ޕްރޮޖެކްޓް ސައިޓް މިހާރު ވަނީ މޮބިލައިޒްކޮށްފައެވެ.
މި 2 ރަށުގެ ތެރެއިން ކަލައިދޫއަކީ އެއަތޮޅު އިސްދޫއާއި ބިމުގެގޮތުން ގުޅިފައިވާ ރަށެކެވެ. މި ރަށުގެ އާބާދީ 1000 އަކަށްވުރެ ގިނައިރު، ދަނބިދޫގެ އާބާދީވެސް 1000 އަކަށްވުރެ ގިނައެވެ. މި ދެ ރަށަކީވެސް ތާރީޚީގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ކަންތައްތަކެއް ހުރި ދެ ރަށެވެ.
މި މަޝްރޫޢުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7266 އަކަ މީޓަރުގެ މަގު ހެދުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.
ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 155.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މި ދެ ރަށް އެއްކޮށްލުމުން އިސްދޫވެސް ހިމެނޭހެން 3 ރަށުގައި ދިރިއުޅޭ 3500 އަށްވުރެ ބޮޑު އާބާދީ ގުޅާލެވިގެންދާނެއެވެ. މިކަމުގެ ސަބަބުން 3 ރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރި އަނެއް މަޝްރޫޢަކީ ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢެވެ. މި 2 ރަށް ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހިތަދޫއާއި ކުނަހަންދޫއާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫވެސް ހިމެނޭހެންނެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 81.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.