ޚަބަރު

މިފްކޯއަށް މަސްގަންނަ އަގު ރެކޯޑް ޢަދަދަކަށް، ކިލޯއެއް 25ރ އަށް


  • މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުން

  • މަސް ގަންނަ އަގުބޮޑުކޮށްފައިވަނީ، މަސްވެރިން މަހަށް ނިކުންނަން ހިތްވަރު ދިނުމަށް

  • މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

ދިވެހި މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ވިދާޅުވީ، އެ ކުންފުންޏަށް މިއަދުން ފެށިގެން މަސްގަންނާނީ ކިލޯއެއް 25 ރުފިޔާއަށް ކަމަށެވެ. މިހާތަނަށް މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނައުމާއިބެހޭގޮތުން އެކުންފުނިން ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކައި އަޅާބަލާއިރު މި މޫސުމުގައި މަސްވެރިކަން އާދަޔާޚިލާފަށް ދަށްވެ މަހަށް ނިކުންނަ ދޯނިފަހަރު މަދުވެފައިވާތީ، މަސްވެރިން މަހަށް ނިކުންނަން އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން މިފްކޯގެ ސެންޓަރުތަކުން މަސް ގަންނަ އަގުތައް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން 1.5 ކިލޯއިން މަތީގެ އައިސް މަސް، ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދާނީ 25 ރުފިޔާއަށް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދާނީ 23 ރުފިޔާއަށް ކަމަށް މިފްކޯއިން ހާމަކުރައްވައެވެ.

މިފްކޯއިން މި ނިންމުން ނިންމާފައި މިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަވެސް އެހުމަށްފަހު ކަމަށް މިފްކޯއިން މަޢުލޫމާތު ދެއްވައެވެ.

މިފްކޯއިން އަންނަނީ މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިތުރަށް ތަރައްޤީކުރުމާއި، ގދ. ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ބަނދަރާއި ސްޓޯރޭޖް ބޮޑުކުރުމާއި، މ.މުލަކު މަސް ބަނދަރު ތަރައްޤީކުރުމާއި، ފެލިވަރު އިންފްރާސްޓަރަކްޗަރ ބަނދަރާއި، ކޭނަރީ އިތުރައް ތަރައްޤީކޮށް އެކްސްޕޯރޓް ކުރެވޭގޮތް ހެދުމުގެ އިތުރުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ކޫއްޑޫއަށް އިތުރުކުރާ 120 ޓަނުގެ ބްރައިން ފްރީޒިންއާއި، ތިނަދޫގައި އަލަށް ޤާއިމްކުރާ މަސް ގަންނަ ފެސިލިޓީގައި މިހާރު ކުރަމުން އަންނަނީ ފައުންޑޭޝަންގެ މަސައްކަތްތަކެވެ. މި 2 ތަނަށްވެސް ބޭނުންވާ ހުރިހައި މެޝިނަރީތައް މިހާރުވަނީ ޝިޕްކޮށްފައެވެ.

ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރާއިރު ޖުމްލަކޮށް ފެލިވަރު ކޫއްޑޫ އަދި އައްޑޫ މިހުރިހައި ތަނަކަށް އަންނަ ފެސިލިޓީތަކާއިއެއްކޮށް މަސްވެރިން ބާނާމަސް ނުކިރޭ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މި ސަރުކާރު ވަނީ މިފްކޯގެ ބޯޓުތަކުގައި މަސް ގަނެވޭ ކެޕޭސިޓީވެސް އިތުރުކުރައްވާފައެވެ. އެގޮތުން މަސްކިރުމަށް މިފްކޯއިން 2 ބޯޓު ގެނެސްފައިވާއިރު އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

މިފްކޯއަށް މަސް ގަނަން އަގު ބޮޑުކޮށްފައިވާއިރު، ސަރުކާރުން ދަނީ ރާއްޖެއިން ބޭރުކުރާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އީ.ޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ %24ގެ ޓެކުހެއް ނަގަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖެއަށް ވާދަވެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ކުޑަވެ، ދިވެހި މަހުގެ އުފެއްދުންތަކަށް ހެޔޮ އަގެއް ލިބުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.

އިޔޫގެ އިތުރުން ރާއްޖެއިން ދަނީ އިޔޫއިން ވަކިވެފައިވާ ޔޫރަޕްގެ ޤައުމެއްކަމަށްވާ އިނގިރޭސިވިލާތަށް އެތެރެކުރާ މަހުންވެސް ނަގާ ޑިއުޓީ ކުޑަކުރުމަށް މަޝްވަރާތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ދަނީ ކުރިއަށް ގެންދަވަމުންނެވެ.