މ. ދިއްގަރަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ވަކިން ޚާއްޞަކޮށް މަސްވެރިކަމަށް ދިއްގަރަކީ ނަން މަޝްހޫރު ރަށެކެވެ.
ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ދިއްގަރަށްވެސް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ބިންފުރި، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ކަންކަމަށް ބޭނުންކުރާނެ ބިން ރަށުގައި ނެތުމެވެ. މިކަމަށް ހައްލެއް ގެނެސްދިނުމުގެގޮތުން ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ގާތްގަނޑަކަށް 9.9 ހެކްޓަރުގެ ދިއްގަރަކީ އާބާދީ އިތުރުވުމުގެ ސަބަބުން ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އަދި ބިންތިރިވުމުގެ ސަބަބުން، އުދައެރުމުގެ މައްސަލައަކީވެސް ދިއްގަރަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އުދައިގެ ސަބަބުން ގޭގެއާ މުދަލަށްވެސް އޭގެ ގެއްލުންތައްދަނީ ކުރިމަތިވަމުންނެވެ. އެކި ސަރުކާރުތަކުގައި ދިއްގަރުގެ ބިން އިތުރުކުރުމުގެ ވާހަކަަތައް ދެއްކި ނަމަވެސް، މިކަމުގައި ޢަމަލީ ސިފަ ޖެހިގެން މިދިޔައީ މި ސަރުކާރުގައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ބިމުގެ ދަތިކަމަކީ ޒަމާންތަކެއް ވަންދެން އެރަށަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ.
ރަށަށް ބިން އިތުރުކުރުމުގެ ވާހަކަ އެކި ދުވަސްވަރުމަތިން ދެކެވުންނަމަވެސް 1999 ގައި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކޮނުނު ފަސްތައް އެޅުން ފިޔަވާ ފާއިތުވި 25 ހަކަށް އަހަރުގެ ތެރޭގައި ބިން އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނެތެވެ.
އެހެންނަމަވެސް މި ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢާއެކީ ރަށުގެ ތަރައްޤީއާއި ކުރިމަގަަށް ރައްޔިތުންކުރާ އުއްމީތުތައް އައުވެއްޖެކަމަށް ނިޝާން ވިދާޅުވިއެވެ.
"ބިން ހިއްކާ ނިމުންވެގެންދިޔައީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވިކަމަކަށް. ކައުންސިލުންވެސް މިހާރު އަޅުގަނޑުމެންގެ އެލްޔޫޕީވެސް ނިމިފައި މިއޮތީ. މަސައްކަތްތައް މި ބިމުގައި ފަށައިގަންނަން ތައްޔާރުވެފައި ހުރީމަ ބިން ހިއްކާ ނިމުން މިދެން ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްމިވީ" ނިޝާން ވިދާޅުވިއެވެ.
ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ، ދިއްގަރުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން އަލަށް ހިއްކި ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އިތުރުން، ވިޔަފާރިއާއި އިޤްތީޞާދީ އަދި ސިނާޢީ އެކި ފުރުޞަތުތައް ފަހިކޮށްދިނުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އެރަށަކީ މަސްވެރި ރަށަކަށްވުމާއެކު، ގޭދޮށު މަސް ޕްލާންޓަކާއި ބޯޓު ޔާޑެއް ތަރައްޤީކުރުމަކީ އަމާޒެއްކަމަށް ނިޝާން ވިދާޅުވިއެވެ.
އަލަށް ހިއްކި ސަރަހައްދުގައި ކުނިކޮށްޓަކާއި، މަސް ޕްލާންޓުގެ އިތުރުން ބޯޅަދަނޑުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
"އަލަށް ހިއްކުނު ބައިގައި އަޅުގަނޑުމެންގެ އެބަހުރި ބޮޑެތި ބައެއް ޕްރޮޖެކްޓްތަކެއް. އޭގެ ތެރޭގައި ސްލިޕްވޭ ބޯޓު ޔާޑަކަށް ސަރަޙައްދެއް ވާނެ ކަނޑައަޅާފައި. ގެސްޓްހައުސްތަކަށް ވަކި ސަރަޙައްދެއް ކަނޑައަޅާފައިވާނެ ރަށުގެ ހަމަކޮޅުން ގާތްގަނޑަކަށް. އޭގެ އިތުރުންވެސް ވިޔަފާރިތަކަށް ޚާއްސަ ޕްލޮޓްތައް ހުންނާނެ. އަދި އިންޑަސްޓްރިއަލް ވަކި އޭރިއާއެއް ކަނޑައެޅިފައިވާނެ. ބޮޑަށް އިޤްތިޞާދީ ކަންކަމަށް ސަމާލުކަންދީގެން ޕްލޭން ހެދިފައިވަނީ" ނިޝާން ވިދާޅުވިއެވެ.
ދިއްގަރަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. ބައެއް ގޭބިސީތަކުގައި ތިން ހަތަރު އާއިލާ އެކުގައި އުޅެންޖެހުމުގެ ސަބަބުން އިޖްތިމާޢީ މައްސަލަތައް ފެންމަތިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ނިޝާން ވިދާޅުވީ، ރަށަށް އަލަށް އިތުރުވި ބިމާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް އުއްމީދީ ހައްލެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ހިއްކި ސަރަޙައްދުން 1500 އަކަފޫޓުގެ 140 ގޯތި ދޫކުރުމަށް ބިން އެކަށައަޅާފައިވާކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ފްލެޓް ނުވަތަ ރޯހައުސް މަޝްރޫޢު ހިންގުމަށް ބޭނުންވާ ބިންވެސް ކަނޑައެޅިފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.
ހިއްކި ބިމުން ގޯތި ދޫކުރުމަށް ހުޅުވާލުމަށްޓަކާ، ގޯތިދޫކުރުމުގެ އުޞޫލު އެކުލަވާލުމުގެ މަސައްކަތް ދިއްގަރު ކައުންސިލުން މިހާރު އަންނަނީ ކުރައްވަމުންނެވެ.
1450 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ދިއްގަރުން އެންމެފަހުން ގޯތިދޫކޮށްފައިވަނީ މިއަހަރުގެ ތެރޭގައެވެ. އެބުރުގައި 24 ގޯއްޗެއް ދޫކޮށްފައިވާއިރު، މި ގޯތިތަކަށް އެދި 139 ފަރާތަކުން ކުރިމަތިލިއެވެ. މިކަމުންވެސް ބޯހިޔާވަހިކަމުގެ ޑިމާންޑް އެރަށުގައި އޮތް މިންވަރު ހާމަވެއެވެ.
ދިއްގަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ، އަދި ހިއްކި ބިން ޙިމާޔަތްކުރުމާއި، ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށިލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މި މަޝްރޫޢަށް 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިއީ ރަށަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލުގެނެސްދީ، ރަށަށް އިޤްތިޞާދީގޮތުން އިތުރު ދިރުމަކާއި އާރޯކަމެއް ގެނުވާނެ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ދިއްގަރު ރައްޔިތުންނާއި އެރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.