ޚަބަރު

ކައުންސިލްތަކުގެ މުވައްޒަފުންނަށް އަންނަމަހުން ފެށިގެން އެލަވަންސް ދެނީ


  • މެއިމަހުގެ ފެށިގެން ސަރުކާރު މުވައްޒަފުންނަށް މިއެލަވަންސް އަންނަނީ ދެމުން

  • ކައުންސިލް މުވައްޒަފުންނަށް އަންނަމަހުން ފެށިގެން މިއެލަވަންސް ލިބޭނެ

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިއެލަވަންސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ސަރުކާރުގެ ވުޒާރާތަކުގެ %35 އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެއެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.

އަދި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެމުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެވޭތީ އެލަވަންސް ދެއްވަން ނިންމެވީ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

އަދި ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ މަހުން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެވެ.