މިއަހަރުގެ ފުރަތަމަ ހަތްމަސް ދުވަސްތެރޭ ގްރީން ފަންޑަށް 617 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މިއަހަރުތެރޭ ފަންޑަށް 617 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، އެ ފަންޑުންވަނީ 357 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީހުރި ޢަދަދާއި، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގްރީޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއެކު ގްރީން ފަންޑުގައި މިހާރު ޖުމްލަ 1.03 ބިލިއަން ރުފިޔާ އެބަހުއްޓެވެ.
• ޖެނުއަރީ - 100.7 މިލިއަން ރުފިޔާ
• ފެބުރުވަރީ - 91.8 މިލިއަން ރުފިޔާ
• މާރިޗް - 105.4 މިލިއަން ރުފިޔާ
• އެޕްރީލް - 94.9 މިލިއަން ރުފިޔާ
• މެއި - 83.0 މިލިއަން ރުދިޔާ
• ޖޫން - 50.2 މިލިއަން ރުފިޔާ
• ޖުލައި - 91.0 މިލިއަން ރުފިޔާ
ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ގިނަ ތަރައްޤީގެ މަޝްރޫއުތަކަށް ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.
• ޖެނުއަރި - 74.5 މިލިއަން ރުފިޔާ
• ފެބްރުވަރީ - 66.0 މިލިއަން ރުފިޔާ
• މާރިޗް - 77.4 މިލިއަން ރުފިޔާ
• އެޕްރީލް - 35.8 މިލިއަން ރުފިޔާ
• މެއި - 7.6 މިލިއަން ރުފިޔާ
• ޖޫން - 26.2 މިލިއަން ރުފިޔާ
• ޖުލައި – 69.9 މިލިއަން ރުފިޔާ
ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަންނަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނަގައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ނަގައެވެ.